މިސައިލުން ދިފާއުވާ މޮބައިލް ސިސްޓަމްތަކެއް ރަޝިއާގެ އެކި ސަރަހައްދުގެ މުހިންމު އިމާރާތްތަކުގެ މަތީގައި ބަހައްޓައިފިއެވެ.
މި ސިސްޓަމްތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާ އެކި ޕްލެތްފޯމްތަކުގައި ދައުރުވަމުން ދާ އިރު، މިކަން ކުރި ސީދާ ސަބަބެއް ކްރެމްލިން އިން އަދި ހާމައެއް ނުކުރެއެވެ. ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރި ބައެއް ފަރާތްތަކުން ބުނީ، މިސައިލުން ދިފާއުވާ މޮބައިލް ސިސްޓަމްތައް ބަހައްޓާފައި ހުރި ބައެއް އިމާރާތްތަކުގެ ތެރޭގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ އިމަރާތާއި މުހިންމު މިނިސްޓްރީ ތަކުގެ އިމާރާތްތަކާއި ކްރެމްލިން އާ 2 ކިލޯމީޓަރު ދުރުގައި ހުރި ބައެއް އިމާރާތްތައްވެސް ހިމެނޭ ކަމަށެވެ.
އެކްސްޕާޓުން ލަފާކުރާ ގޮތުން، ރަޝިއާއިން މިހާރު ތައްޔާރު ވަމުން އެދަނީ، އަތުވެދާނެ ކުއްލި ހަމަލާއަކަށެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ވެރިރަށާއި ގައުމުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރަޝިއާގެ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން އެ މަގަށް ކުރަނީ ކޮން މަސައްކަތެއްތޯ ޑިފެންސް މިނިސްޓްރީގައި އަހާލަން ފެންނަ ކަމަށް އޭނާ ވިދާޅުވެއެވެ.
ޕެންޓިސާ އެސް1 މަރުކާގެ އެއާ ޑިފެންސް ސިސްޓަމް ތަކަކީ، މަތިންދާ ބޯޓުން ދޭ ހަމަލާތަކާއި ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލުން ދޭ ހަމަލާތައް ނާކާމިޔާބު ކޮށްލާ ގޮތަށް ފަރުމާ ކޮށްފައި ވާ ނިޒާމެކެވެ. މި ނިޒާމުތައް މޮބައިލްކޮށާއި އަދި ތަންތަނުގައި ހަރުކޮށްގެން ވެސް ބޭނުން ކުރެއެވެ.
ރަޝިއާގެ ހަބަރުފަތުރާ ބައެއް އިދާރާތަކުން ބުނެފައި ވާ ގޮތުން މިފަދަ ނިޒާމުތައް ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ގަނޑުވަރާ ކައިރި ސަރަހައްދުތަކުގައި ވެސް ބަހައްޓާފައެވެ. އެހެން ބައެއް ހަބަރުތައް ބުނާ ގޮތުން އެސް400 މަރުކާގެ ސާފޭސް ޓް އެއާ (ބިމުން ވަޔަށް) މިސައިލް ފޮނުވާ މޮބައިލް ނިޒާމުތަކެއް ވެސް އެކި ތަންތާނގައި ބަހައްޓާފައި ވެއެވެ.
ރަޝިއާއިން ރައްކާތެރި ކަމުގެ މިފަދަ ފިޔަވަޅެއް އެޅި އިރު ރަޝިއާގެ އަސްކަރީ މަގާމުތަކަށް ޔޫކްރައިން ކެނޑިނޭޅި ޑްރޯން ހަމަލާތައް މިހާރުވެސް ދެއެވެ. މި ހަމަލާތަކުގައި ރަޝިއާއަށް ބޮޑެތި ގެއްލުންތައް ލިބޭ އިރު އެމެރިކާ އާއި ހުޅަނގުން ދަނީ، ޔޫކްރައިންގެ އަސްކަރީ ބާރު ވަރުގަދަ ކުރުމަށް ބިލިއަން ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެމުންނެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ރަޝިއާގެ ތެރެއަށް ހަމަލާ ދޭން އެއްވެސް އާލާތެއް (ހަތިޔާރެއް) އެމެރިކާއިން ޔޫކްރައިނަށް ފޯރުކޮށް ނުދޭނެ ކަމަށެވެ.