މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާ އަދި އިޓަލީން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 97،873 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު މިއީ ފާއިތުވި 2 އަހަރު ދުވަހާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މި ގޮތުން 2021 ވަނަ އަހަރުގެ މި މުއްދަތު ތެރޭގައި 52،943 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު ނިމިގެން ދިޔަ 2022 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 79،718 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 22.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާ އިންނެވެ. އެ ގައުމުން ވަނީ 15،218 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި އިޓަލީގެ 10،660 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑީއާ އިން އައީ 9،242 ފަތުރުވެރިންނެވެ.

މިއަހަރު ފަތުރުވެރިން، އެވްރޭޖްކޮށް ރާއްޖޭގައި ހަފްތައަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައި ވާއިރު ދުވާލެއްގެ މައްޗަށް 5،437 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.