މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން އާދިއްތަ ދުވަހު ފަށަން ތާވަލް ކޮށްފިއެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު އެ ދައުވާތަކުގެ ތެރޭގައި މިހާތަނަށް ޕީޖީއިން ހާމަކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

މިއަންނަ އާދިއްތަ ދުވަހުގެ 11 ޖަހާއިރަށް އެ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާއިރު އަޑުއެހުންތައް ސިއްރުކޮށްފައިވަނީ އެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައި ވަނިކޮށެވެ.

މިދިޔަ އޮކްޓޯބަރު މަހު ޝިއާއުގެ މަރާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މައްސަލަ ތަހްގީގުކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.

ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަން ވެސް ސާފު ކަމަށެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.