މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރަމުންދާ ކުޑަގިރީގެ މަސައްކަތްތައް ނިމި، ހުޅުވާލަން ތައްޔާރުވެފައިވާ ކަމަށް، އެޗްޑީސީން ބުނެފިއެވެ.
ކުޑަގިރީގައި ކުރަން ހުރި މަސައްކަތްތައް ނިންމައި، އެ ރަށް ހުޅުވާލައި ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުނި ނަމަވެސް އާންމުންނަށް ކުޑަގިރި ހުޅުވާލާނެ ސީދާ ތާރީހެއް ބުނަން އަދި ނޭނގޭ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން ބުނީ، ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެން ދާއިރު އެ ރަށުގައި އެކި ކަންތައްތައް ކުރުމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން:
- ރަސްމީ ހަފްލާތަކާއި ނުރަސްމީ ހަފްލާތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލުން
- ޑައިވިން އާއި މޫދު ކުޅިވަރުގެ ހަރަކާތްތަކަށް ހުޅުވާލުން
- އާންމުންގެ އިތުރުން ފަތުރުވެރިންނަށް ހުޅުވާލުން
އެ ރަށް ހުޅުވާލެވިގެން ދާއިރު، ނާސިން ރޫމާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް އެ ރަށަށް ދާ ފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، މިސްކިތަކާއި ކްލިނިކަކާއި ފިހާރައިގެ އިތުރުން ކެފޭ އެއް ވެސް ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އާންމުން ބޭނުންކުރުމަށްޓަކައި ކުޑަގިރީގައި ކަނޑައަޅާފައިވާ ވަސީލަތްތަކާއި ތަންތަން:
- ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި
- އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި
- މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް
- ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އެއް
- ޑައިވް މަރުކަޒަކާއި މޫދު ކުޅިވަރު މަރުކަޒެއް
އެޗްޑީސީން ބުނި ގޮތުގައި ކުޑަގިރީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސީސީޓީވީ ކެމެރާ އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވި، ސެކިއުރިޓީ އޮފީހެއް ގާއިމްކުރެވިފައިވާނެއެވެ. އަދި ކުޑަގިރި އަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލޭން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވެއެވެ.
ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ ޖުލައި 26 ގައި ކުޑަގިރި ހުޅުވުމަށެވެ. ނަމަވެސް މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ކުޑަގިރި ހުޅުވުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވީ، ނޮވެމްބަރު މަހުގެ ތެރޭގައި ކުޑަގިރި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނު އިރު ވެސް ކުޑަގިރި ހުޅުވާލެވިފައެއް ނުވެއެވެ.
މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައި ބަނީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ވައުދުތަކުގެ ދަށުންނެވެ.