ރޭ މާލޭގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމްވެފައި ވާ ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ރޭ 12:37 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވީ 30 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެ މީހާ ރޭ ދަންވަރު އޭޑީކޭއަށް ގެންދިޔަ އިރު ގިނަ އަދަދެއްގެ ލެ ހުރި ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ނޫން ކަމެއް އެނގިފައި ނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ރޭ މާރާ މާރީ މިހިނގީ، މާރާމާރީއެއް ހިންގާ ލޭ އޮހޮރުވުމެއް ނުހިނގާތާ ދުވަސްތަކެއް ވުމަށް ފަހުއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޭތެރެ ދޭތެރެއިން މާރާމާރީ ހިންގައެވެ. ގިނަ ފަހަރަށް މިފަދަ މާރާމާރީތައް ހިންގަނީ ގްރޫޕު މާރާމާރީތަކުގެ ގޮތުގައެވެ.