މަކަރާއި ހީލަތުން އެކި މީހުންގެ އަތުން 215 ކްރޯޑް ރުޕީސްގެ ފައިސާ ނެގި ސުކޭޝް ޗަންދްރަޝޭކަރް މައްސަލައިގައި ހެކިބަސް ނަގަން މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ކޯޓަށް ހާޒިރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވެ މި މައްސަލައާމެދު ނޯރާ ބުނެފައި ވަނީ، އޭނާ އަކީ 'ވިކްޓިމް' އެއް ކަމަށާއި އެއްވެސް ކަހަލަ މަނީ ލޯންޑަރިންއެއްގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. މީގެ އިތުރުން ސުކޭޝްގެ ލޯބިވެރިޔަކަށް ވާން އެއްބަސްވެއްޖެ ނަމަ ބޮޑު ގެއަކާއި ލަގްޒަރީ ދިރިއުޅުމެއް ހޯދަިދޭނެ ކަމަށް އޭނާ ވައުދުވި ކަމަށާއި އަދި ސުކޭޝްގެ އެންމެ ގާތް އެހީތެރިޔާ ކަމަށްވާ ޕިންކީ އިރާނީ މެދުވެރިކޮށް އޭނާގެ ފަރާތުން ސުކޭޝް ނުހައްގުން ފައިދާ ހޯދީ ކަމަށެވެ.

ސުކޭޝްއަކީ ދަންނަ މީހެއް ވެސް ނޫންކަމަށާއި އޭނާ އަކީ ކާކުކަން އެނގިފައި ވަނީ މިމައްސަލައާ ގުޅިގެން އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ޗިޓް ފޮނުވުމުން ކަމަށް ވެސް ނޯރާ ބުންޏެވެ.

ނަމަވެސް އީޑީން ތުހުމަތު ކުރާ ގޮތުގައި ނޯރާއަށް ސުކޭޝް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްޑަބްލިއު ކާރަކާއި މީގެ އިތުރުންވެސް އަގުބޮޑު ލަގްޒަރީ އަތްދަބަހާއި ޖަވާހިރު ދީފައިވާ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އިންކާރު ކުރަމުން ނޯރާ ބުނީ އެ ކާރަކީ ޗެންނާއީގައި ބޭއްވި އިވެންޓެއްގައި ބައިވެރިވުމުގެ ބަދަލުގައި ސުކޭޝްގެ އަންހެނުން ކަމަށްވާ ލީނާ މާރިއާ އޭނާއަށް ދިން ހަދިޔާއެއް ކަމަށެވެ.

މިހާރު ޖަލުގައި ހުރި ސުކޭޝްގެ މައްޗަށް ތުހުމަތު ކުރެވެނީ ފޯޓިސް ހެލްތްކެއާގެ ކުރީގެ ޕްރޮމޯޓަރު ޝިވިންދަރު މޯހަން ސިންގްގެ އަންހެނުން އަދީތީ ސިންގް ފަދަ މަތީ ފަންތީގެ މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެވެ.

މިހާރު 30ގެ އަހަރުތައް ގުނަމުން ދާ، އިންޑިއާގެ ބެނަގަލޫރަށް ނިސްބަތްވާ ސުކޭޝް އަކީ އުމުރުން 17 އަހަރުން ފެށިގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މުއްސަނދި ދިރިިއުޅުމެއް އުޅެމުންދާ މީހެކެވެ. އިންޑިއާގެ ބޮޑެތި ސިޔާސީ ފަރާތްތަކުން ފެށިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ މީނާގެ މަޅީގައި ޖެހިފައެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް ގެ އިތުރުން ޖެކްލީން ފެނާންޑެސް ވެސް މި ލިސްޓްގައި ހިމެނޭއިރު ބައެއް ބަތަލާއިންނާއި މޮޑެލުން ސުކޭޝް ދިން ފައިސާ އާއި ތަކެތި ބޭނުން ކުރި އިރު އަނެއްބައި ފަންނާނުން ވަނީ ސުކޭޝް ދިން އެއްޗެތި ހިފަން އިންކާރު ކޮށްފައެވެ.