އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުމުގެ ދަށުން އިތުރު 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި އެމްއެންޑީއެފް އަށް ސީ އެމްބިއުލާންސެއް ދިނުމުގެ އެއްބަސްވުމަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނޭއިރު ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި އަދި ދިވެހިރާއްޖޭގެ ނެޝަނަލް ޔުނިވާސިޓީއާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އާ ދެމެދު ވެވުނު ތައުލީމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

އެ އެއްބަސްވުންތަކުގައި ވާ ގޮތުން އިންޑިއާއިން ދޭ 100 މިލިއަން ރުފިޔާގެ އެހީއިން ހަރަދު ކުރަން ޖެހޭނީ ހައި އިމްޕެކްޓު ޕްރޮޖެކްޓުތަކަށް ނުވަތަ މުޖްތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓު ތަކަށް ކަމަށް ވާއިރު އެއްބަސްވުމުގައިވާ ގޮތުން ގައްދޫގައި އަޅާ ކޮމްޕްލެކްސްގައި ބެޑްމިންޓަނާއި ނެޓްބޯލާއި ވޮލީބޯލާއި ކެރަމް އަދި ބިލިއާޑްސް ކުޅެވެން ޖެހޭނެއެވެ.

މީގެ އިތުރުން އެމްއެންޔޫއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހަޔާ އެޑިއުކޭޝަން، ދިރާސާ އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި އިންޑިއާގެ އެހީ ލިބޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.