އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަށަން 10 ދުވަހަށް ވެފައި އޮއްވާ، ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލު ކުރައްވައިފިއެވެ.

އުއްޗު ދިރިއުޅުއްވާ ޅ. ކުރެއްދޫ ރިސޯޓަށް ވަޑައިގެން ނަޝީދު ވަނީ އުއްޗު އާ ބައްދަލުކުރެއްވި އިރު ހާއްސަ ސައިފޮދެއްގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ނަޝީދު ކުރެއްދު އަށް ވަޑައިގަތުމުން، އުއްޗު ވަނީ އޭނާއާ ބެހޭގޮތުން މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް ނަޝީދަށް އަރުވާފައެވެ.

މި އަހަރުގެ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ކުޑަތަންވަމުން އަންނަ އިރު، ނަޝީދު ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން މިއަދު ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ނަޝީދު ފޯރިއާ އެކު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނާ ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ވަޑައިގެންފައެެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ހއ. ދިއްދޫގައެވެ.