މިދިޔަ އާދީއްތަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން، ޕޮކާރާއަށް 72 މީހުންނާއެކު ދަތުރުކުރި ބޯޓެއް ވެއްޓި އެންމެން މަރުވި ހާދިސާގައި ބޯޓުގެ ކޯޕައިލެޓް އަންޖޫ ކަތިވަޑާވެސް މަރުވިއެވެ.

ހަބަރުތައް ބުނާ ގޮތުން، އޭނާގެ ފިރިމީހާ ދީޕަކް ޕޮކަރެލް އަކީވެސް އާދީއްތަ ދުވަހު ވެއްޓުނު ޔެޓީ އެއާލައިންސްގެ ކޯ ޕައިލެޓެކެވެ. އޭނާ ވެސް މަރުވީ މީގެ 16 އަހަރު ކުރިން، 2006 ވަނަ އަހަރު ހަނޑުލާއި ކާބޯތަކެތި އަރުވައިގެން ނޭޕާލްގެ ހުޅަނގު ބިތުގެ ޖުމްލާ ޓައުނަށް ދަތުރު ކުރަނިކޮށް ވެއްޓިގެންނެވެ. އެހާދިސާގައި ވެސް ބޯޓުގައި ތިބި 9 މީހުން ވަނީ މަރުވެފައެވެ.

ނޭޕާލްގެ އޭވިއޭޝަން ތާރީހުގައި ފާއިތުވި 30 އަހަރުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އަކީ މިދިޔަ އާދީއްތަ ދުވަހު އިރުމަތީ ބިތުގެ ފަތުރުވެރި ރަށެއް ކަމަށްވާ ޕޮކާރާއަށް ދަނިކޮށް ބޯޓު ވެއްޓި އެންމެން މަރުވި ހާދިސާއެވެ.

މިހަދިސާގައި މަރުވި މީހުންގެ ތެރެއިން 70 މީހެއްގެ ހަށިގަނޑު މިހާރު ހޯދާފައި ވާ އިރު، 2 މީހެއްގެ ހަށިގަނޑު އަދި ނުފެނެއެވެ. ކުޑަކުދިންނާއި، ފަތުރުވެރިންނާއި ނޭޕާލުގެ ރައްޔިތުން ތިބި އެ ބޯޓު ވެއްޓުނީ ރަންވޭއާ ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ކައިރިވެފައި ވަނިކޮށް މީހުން ދިރިއުޅޭ އަވަށަކަށެވެ. ބޯޓު ވެއްޓިފައި އޮތީ ވަލަށް އެހެނަސް އެއްބުރި އޮތީ ދެފަރުބަދަ ދޭތެރޭގެ އަޑިގަނޑުގައެވެ. އަނެއް ބުރި އޮތީ އެތަނާ ގުޅިފައި އޮތް ކޯރެއްގެ އައްސޭރީގައެވެ. ހަބަރުތައް ބުނާ ގޮތުން، ބޯޓު ވެއްޓުމާއެކު ގޮވާ ބިނދި އެ އަޑިގަނޑަށް ވެއްޓުނު ބުރި ވެސް ވަނީ އެއްކޮށް ރޯވެ އަނދާފައެވެ.

މިހާތަނަށް ފެނުނު ހަށިތައްވެސް ފިހި އަނދާފައި ވާ އިރު ނުފެނި ވާ 2 ހަށިގަނޑަކީ ކުޑަ ކުދިންނަށް ވެދާނެ ކަމަށާއި އެ ހާދިސާގައި އަނދައިގެން ދިޔައީ ކަމަށް ވެސް ބެލެވޭ ކަމުގައި ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެއެވެ.

މި ބޯޓު ވެއްޓި ކޯޕައިލެޓް އަންޖޫ މަރުވި އިރު، އޭނާގެ އާއިލާއިން ބުނީ އެއީ ހިއްވަރުގަދަ މީހެއް ކަމަށާއި ފިރިމީހާ މަރުވުމުން އޭނާ ބޭނުން ވީ ޕައިލެޓަކަށް ވާން ކަމަަށެވެ. އަދި 4 އަހަރުގެ މަސައްކަތުން އެކަން ހާސިލުކޮށް ފުލް ފްލެޖް ޕައިލެޓުކަން ހޯދި ކަމަށާއި އަންޖޫ އަކީ އެ އެއާލައިންގައި މަސައްކަތް ކުރާ އަންހެން 6 ޕައިލެޓުންގެ ތެރެއިން އެކަކު ކަމަށެވެ.

ފިރިމީހާ މަރުވުމުން އިތުރު ކައިވެންޏެއް ކޮށް ދަރިއަކުވެސް އަންޖޫއަށް ލިބިފައި ވެއެވެ.