އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ނިންމާ ނިންމުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތު އެނބުރި އައިސްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ހއ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިހަވަންދޫގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަކީ މަސްވެރިކަމުގެ ސިނާއަތު ވަރަށް ފުޅާކޮށް ހިންގާ ރަށެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރު ޔާމީން ވަޑައިގެން އައިސްޕްލާންޓް ބަހައްޓާ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއިން ވެސް އެނގެނީ އިދިކޮޅު ފަރާތްތަކަށް އެ ސަރަހައްދު ނޭނގޭ ވަރު ކަމަށާއި އެ ރަށުގައި އައިސްޕްލާންޓެއް ބަހައްޓައިގެން އައިސް ވިއްކަމުން އަންނަތާ އޭރު އެތައް ދުވަހެއް ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާ ވެސް އެނބުރި އެ ހަގީގަތާ ދުރު ސިޔާސަތުތަކުގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން އަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެއްކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި މި މަހުގެ 13 އިން 15 އަށް އައްޑޫއަށް ވަޑައިގެންފައި ވާއިރު އުތުރު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ހއ އަތޮޅުން ހޯރަފުށީގެ އިތުރުން އިހަވަންދޫއަށާއި ކެލާ އަދި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު ހދ .ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށަށްވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.