މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މީހަކު އެތަކެތި އެތެރެކުރި ލަގޭޖު ގެއްލުމުން މިނިވަން ވެއްޖެއެވެ.

ފުލުހުން ބުނީ، މިމަހު 8 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ލަގޭޖު ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، ރާއްޖެއަށް އޭނާ އައިއިރު 30 ކިލޯގެ އިތުރު ލަގޭޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ މައުލޫމާތު ދީފައިވާ ކަމަށެވެ.

މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖުތަކުން އެލަގެޖު އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އޭނާއާ މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަ ކޮށްފައެވެ.