1.4 ބިލިއަން މީހުންގެ އާބާދީ އޮތް ޗައިނާގައި އާބާދީ އިތުރު ވާ ނިސްބަތް ފުރަތަމަ ފަހަރަށް ދަށަށް ގޮސް އިންޑިއާއިން އެ މަގާމު އަތުލައިފިއެވެ. މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ޗައިނާގެ އާބާދީ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ހުސްވި އަހަރުގެ ހިސާބުތައް ދައްކާ ގޮތުން، އަހަރު ނިމުނު އިތު އެ ގައުމުގެ އާބާދީ އަކީ 1،411،750،000 އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 850،000 މީހުންގެ މަދުވުމެކެވެ.

ދުނިޔޭން ކޮވިޑް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އުޅުނު ނަމަވެސް ކޮވިޑާއި އަދި އެކި ހާދިސާތަކާއި ގުދުރަތީ ގޮތުން ހުސްވި އަހަރުގެ ތެރޭގައި 10.41 މިލިއަން މީހުން މަރުވި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އެއަހަރު ވިހާ މަރުވާގެ ހިސާބުތައް ހުރި ގޮތުން އުފަންވެފައި ވާ ކަމަށް ދައްކަނީ 9.56 މިލިއަން މީހުންނެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ޗައިނާގައިވެސް ގިނަ އީ އަންހެނުންނެވެ. އެގައުމުގައި 722.06 މިލިއަން އަންހެނުން ތިބި އިރު ފިރިހެނުންގެ އަދަދަކީ 689.69 މިލިއަނެވެ.

ޗައިނާގެ އާބާދީ ދަށަށް ޖެހިލާފައި ވާ އިރު މިއީ އިންޑިއާއަށް އުފާވެރި ބޮޑު ހަބަރެކެވެ. އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނަ ހިފަހައްޓަމުން އައި އިންޑިއާ އަކީ އާބާދީގެ ގޮތުންވެސް ޗައިނާ އާ ވާދަ ކުރާ ގައުމަކަށް ވާއިރު ކުރިން އަންދާޒާ ކުރެވިފައި އޮތީ ޗައިނާ ފަހަނައަޅާ އިންޑިއާ އަރާނީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ޗައިނާގެ އަދަދު ދަށަށް ދިޔުމާއެކު މިހާރު އިންޑިއާ އަކީ 1،417،173،173 މީހުންނާއެކު އާބާދީގެ ގޮތުން ދުނިޔޭގެ އެއްވަނައެވެ.

ޗައިނާގެ އާބާދީގެ މައްޗަށް އިންޑިއާ ކުރި ހޯދި އިރު މިއީ އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމި ގޮނޑިއެއް ހޯދުމަށް ޑިމާންދް ކުރުމާއި އިގުތިސޯދީ ގޮތުން ޗައިނާ ފަހާލަން އިންޑިއާއަށް ލިބޭ ފުރުސަތެކެވެ. މިހާރު އިންޑިއާގެ އިގުތިސޯދަށް ވުރެ 6 ގުނަ ކުރީގައި އޮތް ޗައިނާ އާ އަރާ ހަމަކުރުމަށް އާބާދީ އަކި މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. އާބާދީ އިތުރު ވުމުން މަސައްކަތް ކުރެވޭ ނުވަތަ ވަޒީފާ އަދާކުރެވޭ އާބާދީވެސް އިތުރުވެގެން ދެއެވެ. މިހާރުވެސް މަސައްކަތް ކުރެވޭ އުމުރު ފުރާ (15-64) އާ ދެމެދުގެ އާބާދީގައި ދުނިޔޭގެ 6 ވަނައިގައި އިންޑިއާ އޮތް އިރު މި އަންނަ ބަދަލާ އެކު 2029 ވަނަ އަހަރު ދުނިޔޭގެ ތިންވަނަ އިންޑިއާ ހޯދާނެއެވެ.

ޗައިނާގެ އާބާދީއަށް މިއައި ބަދަލާ ގުޅިގެން ބެއިޖިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ވެރިޔާ ކާންގް ޔީ ވިދާޅުވީ އަދި ކަންބޮޑުވާން ޖެހޭ ހިސާބަށް ނުދާ ކަމަށާއި މިހާރުވެސް މަސައްކަތުގެ ބާޒާރުގެ ޑިމާންޑަށް ވުރެ މީހުން ގިނަ ކަމަށެވެ.

ޗައިނާގައި މީގެ ކުރިން އާބާދީ ބޮޑުތަނުން އިތުރުވާ މައްސަލައިގައި ގެންގުޅުނު "ވަން ޗައިލްޑް ޕޮލިސީ" އުވާލައި ތިން ކުދިން ހޯދުމުގެ ފުރުސަތު 2021 ގައި ދިނެވެ. ނަމަވެސް އެކަމުންވެސް އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

ޗައިނާގެ އާބާދީ ދަށަށް ދިޔަ ނަމަވެސް އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހުސްވި އަހަރު އެގައުމުގެ އިގުތިސޯދު ވަނީ ކޮވިޑާއެކުވެސް 3 ޕަސެންތްގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް މިއީ ކޮވިޑްގެ ކުރިން ގްރޯތް ރޭޓް (ކުރިއެރުމުގެ މިންވަރު) އާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. އާންމު ގޮތެއްގައި އެގައުމުގެ އިގްތިސޯދުގެ ދުވެލީގެ މިންވަރު ނުވަތަ ކުރިއެރުން ހިފަފައްޓާފައި ވަނި 5.5 ޕަސެންޓްގައެވެ.