މިސަރުކާރުން ކޮމަންޑޫ އަށް ޖެއްސި ހާލު، މާލޭގެ ރައްޔިތުންނަށް ނުޖައްސާނެ ކަމަށް، ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕެއިން ކުރެއްވުމަށް "ފިކުރެއްގެ ދިރުން" ޖަގަހަ ހުޅުވުމަށް ފަހު ރޭ މާލޭގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމަށް ހޮވިވަޑްއިގެންފިނަމަ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އިންނަަނެ ގޮތް ހާމަކުރައްވާފައެވެ.

އެ ސިޔާސަތުގެ ވާހަކަ ހާމަ ކުރެއްވުމަށް ޖޯކެއްގެ ގޮތުގަައި ށ. ކޮމަންޑޫ ހިއްކުމުގެ ވާހަކައިން ފައްޓަވަމުން ވިދާޅުވީ "ސަރުކާރުން އަޅުގަނޑުގާތުގައި ބުނީ ދެ ކޮމަންޑޫ ގުޅުވާލަދޭނެ ކަމަށް ބުނާށޭ، އެގޮތަށް ރައްޔިތުން ކައިރި ބުނެ ރަނގަޅަށް ވޯޓުލައި ނުނިމެނީސް "ޖައްރާފު" ގެންގޮސްފި! އެޅިވެލިކޮޅު ހިނގައްޖެ" ކަމަށެވެ. އަދި މިއީ ކޮމަންޑޫ ރައްޔިތުންނަށް ހަގީގަތުގައިވެސް އޮތް ވަރަށް ބޮޑު ހިތާމައެއްގެ ގޮތަށް ސިފަ ކުރައްވާ ނަޝީދު ވިދާޅުވީ މިދަތުރު [ހާލު] މާލޭގެ ރައްޔިތުންނަށް ޖައްސަން މިސަރުކާރުން އަމާޒު ހިފާފައި ހުރިކަމަށާއި އެގޮތަށް ވިޔަ ނުދޭނެ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމް ކުރުމެވެ. މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭގަަި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއާ ގުޅުވައިގެން ސަރުކާރުގެ ސިޔާސަތު ތަކަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައި ނަޝީދު ވިދާޅުވީ މާލޭގައި މިހާރުވެސް 5000 މީހުންނަށް ގޯތި ބޭނުންވާކަމަށާއި މިހާރުން މިހާރަށްވެސް އެމީހުންނާއި އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދިވެސް އެއީ ހައްލުނުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ހުޅުމާލޭގައި 4 މިލިއަން އަކަފޫޓުގެ ބިން އެބަ އޮތް ކަމަށާއި އެތަނުން 2 މިލިއަނަ އަކަފޫޓޫ ބޭނުން ކުރިޔަސް މާލޭގެ 5000 އާއިލާއަށް ބޯހިޔާވަހިކަން ދެވޭނެ ކަމަަށެވެ.

ނަޝީދު އެހެން ވިދާޅުވި އިރު ހުޅުމާލެ އަކީ ހުސް ބިމާ އެކު މޯގޭޖް ކޮށް ލޯނު ނަގައިގެން ތަރައްގީ ކުރާ ތަނަކަށް ވާއިރު، ލޯނު ނަގަން ދެއްކި ޕްރޮޕޯސަލްގައި ނެތް ކަމެއް ކުރާނަމަ އެ ލޯނުގެ އިންވެސްޓްމަންޓް ކަވަރު ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަން ޖެހޭނެއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެެރިކަމުގައި ހުޅުމާލެއިން 200 އަށް ވުރެ ގިނަ ގޯތި ދެއްވި ގޮތަށް 2024 ނުނިމެނީންސް 5000 ގޯތި ލިބޭމީހުން ކަނޑަޅާ، އެމީހެއްގެ ގޯތި އޮންނާނެ ތަނާއި ސައިޒް ވިދާލުވެ ދެއްވާނެ ކަމަށެވެ.

އަދި އެކަން ކުރިއަށް ގެންދާނީ އެ އާއިލައެއްގެ އާމްދަނީގެ 60 ޕަސެންޓަށް ވުރެ އިރުރަށް ހަރަދު ކުރަން ނުޖެހޭގެ ގޮތަށް ކަމަށް ވެސް ވިދާޅުވެއެވެ.

މި މަހު 28 ގައި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި އެއްކޮޅުން ރައީސް ނަޝީދު ވާދަކުރައްވާ އިރު އަނެއްކޮޅުނެ ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ކެމްޕެއިން ހަރަކާތްތައް ދެފަރާތުން ވެސް ކުރިއަށް ގެންދާ އިރު ހޫނު ބަހުގެ ހަމަލާ ތަކެއްވެސް ދަނީ ރައްދު ކުރަމުންނެވެ.

ނަޝީދު ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށާއި އެއީ ޝައްކު ވާ ކަމެއް ނޫން ކަމަށެވެ.