ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ތަފާތު ބޭފުޅެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އަތޮޅުތެރޭގައި އުޅުއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގައެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީން އަކީ ތައުލީމީ ޤާބިލު ބޭފުޅެއްކަމަށާއި އެމަނިކުފާނާއި ރައީސް ނަޝީދު އާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނީ 'އިންޑިއާ އައުޓް' މައްސަލަ އާ ގުޅިގެން ކަމަށެވެ.

ރައީސް ނަޝީދު ތުއްޕުޅުއިރުގެ އެކުވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް ޔާމީންގެ ތަފާތު ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަކީ ބެއިރޫތުގެ އެމެރިކަން ޔުނިވާސިޓީން އަދި އެމެރިކާއިން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ވިޝަނެއް ނުވަތަ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް ސޯލިހް އާ މެދު އެހެން ވިދާޅުވެވެން ނެތްކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހް ވާދަކުރައްވާއިރު ދެ ބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި ދެ ބޭފުޅުންވެސް ކެމްޕެއިންގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރުގަދަ ރައްދުތައް ދެމުން ގެންފަވާއިރު ދެ ރައީސުންނަށް ތާއިދުކުރާ މެމްބަރުންވެސް އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.