ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލްގައި މަޑުކުރުމަކާ ނުލައި ފަސޭހަަކަމާއެކު ބޭސް ސިޓީ އާ ކުރުމުގެ ހިދުމަތް އައިޖީއެމްއެޗުން ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗްއިން ތައާރަފް ކުރި މި ހިދުމަތާއެކު އައިޖީއެމްއެޗްގެ އިންފޮމޭޝަން ކައުންޓަރުގެ ކުރިމަތީގައި ބަހައްޓާފައިވާ "ޑްރޮޕް ބޮކްސް" ގެ ތެރެއަށް ކުރީގެ ބޭސް ސިޓީ ލުމުން ބޭސް ސިޓީ އާ ކުރުމަށްފަހު އައިޖީއެމްއެޗުން ބަލިމީހާއަށް އަންގާނެއެވެ.

ހުކުރު އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9 އަކުން ހަވީރު 3 އަކަށް "ޑްރޮޕް ބޮކްސް" ހުޅުވިފައި ހުންނާނެ ކަމަށާއި ބޭސް ސިޓީ އާ ކުރުމަށްފަހު ހެނދުނު 10 އަކާއި މެންދުރު 2 އަކާއި ދެމެދު ގެ ވަގުތުތަކުގައި ބޭސް ސިޓީ ދޫކުރާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ބޭސް ސިޓީ އާ ކުރުމުގައި އައިޖީއެމްއެޗުން ބަލާނެ ކަންކަމުގެ ތެރޭގައި ބަލިމީހާގެ ރިކޯޑްތަކާއި ބޭސް އަލުން އާ ކުރުމަށް ޑޮކްޓަރުގެ ލަފާ ހޯދަން ބުނެފައިވޭތޯ ބެލުން ހިމެނެއެވެ. އެގޮތަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ބުނެފައިވާނަމަ ބޭސް ސިޓީ އާ ކުރާނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

ރާއްޖޭގައި ހަކުރު ބަލި، ހިތުގެ ބަލި ފަދަ ދިގު މުއްދަތަށް ބޭސް ކުރަންޖެހޭ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ބޭސް ސިޓީ އާ ކުރުމުގެ މި ހިދުމަތާއެކު ބޭސް ބަދަލު ކުރުމާއި ބޭސް ސިޓީ އާ ކުރުން ބޮޑު ތަނުން ފަސޭހަވެގެން ދާނެއެވެ. ނަމަވެސް މި ހިދުމަތް ހާއްސަ ކުރެވިފައިވަނީ ބޭހުގެ ޑޯޒް ބަދަލު ނުވާ މީހުނަށެވެ.