ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލިނަގާފައި ވާތީ ށ. ފީވަކު ކައުންސިލް އިދާރާ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ފީވަކު ކައުންސިލް ޖޫރިމަނާ ކޮށްފައި ވަނީ 83,525.00 (އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް) ރުފިޔާއިންނެވެ.

އީޕީއޭ އިން ބުނީ ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އެ ޖެންސީއަށް ލިބުނީ އޮކްޓޯބަރު 07، 2022 ވަނަ ދުވަހު ކަމަށެވެ. މި ޝަކުވާއާ ގުޅިގެން އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތު ތަކުން، ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ފީވަކު ގޮނޑުދޮށުން ނަގާ ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީ ކުރުމަށްޓަކައި ބޭނުން ކޮށްފައި ވާކަން ސާބިތުވާކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލައިފައި ވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިއާޔަތްކޮށް ގަވާއިދުގެ ޖަދުވަލު 2 ގެ ދަށުން ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ދެއްކުމަށް ޖެނުއަރީ 12، 2023 ވަނަ ދުވަހު ފީވަކު ކައުންސިލްގެ އިދާރާއަށް އަންގާފައެވެ.