މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެ ތާރީހެއް، އަންނަ އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މީގެ ކުރިން އީސީން ބުނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ނުވަތަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އަންނަ އާދިއްތަ ދުވަހު 10:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވާއިރު މި ބައްދަލުވުމުގައި އިންތިހާބާ ގުޅޭ މުހިއްމު ކަންތައްތަކެއް އިއުލާން ކުރާނެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މިހާރުވެސް ކެމްޕެއިން ފަށާފައި ވާއިރު އަމާން އޮމާން ކޮށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިސީއިން ވެސް އަންނަނީ ގިނަ ތައްޔާރީތައް ވަމުންނެވެ.
މި ގޮތުން މިހާރު ކުރިއަށް ދާ މަސަައްކަތުގެ ތެރޭގައި އިދާރީ ގިނަ މަސައްކަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އިންތިހާބަށް ބޭނުންވާ ތަމްރީންތަކައް ތައްޔާރު ވުމާއި އިންތިހާބަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން މިހާރު ވެރިކަން ކުރަމުން ދާ މައި ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެނގިގެން ދާއިރު ޖުމްހޫރީ ޕާޓީންވެސް ރިޠާސީ އިންތިހާބުގައި ނުކުންނާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުަމދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.