ކުޑަކުދިންނަށް ދޭ ދެ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހިމެނޭތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ ބުނީ، ޔޫރަޕިއަން ރީޖަންގައި ދައުރުވަމުން ދާ ކުޑަކުދިންނަށް ދޭ ސިރަޕްތައް ކަމަށްވާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭހުގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.

މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސްތައް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި އެ އޮތޯރިޓީގެ ފަރާތުން ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ބޭސްތަކާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އެ ދެ ބޭހާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެލާޓް ނެރެފައިވަނީ އެ ދެ ބޭސް ބޭނުންކުރި އުޒްބެކިސްތާނުގެ ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެންނެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށް ވާ މެރިއޮން ބައޯޓެކް ކުންފުނިން އުފައްދާފައި ވާ ޑޮކް-1 މެކްސް ސިރަޕް ބޮއެގެން އުޒުބަކިސްތާނުގައި 18 ކުއްޖަކު މަރުވި މައްސަލަ ފެންމަތި ވީ، ހުމާއި ރޯގާއަށް ދޭ އެ ބޭސް ދިން 21 ކުއްޖެއްގެ ތެރެއިން 18 ކުއްޖަކު މަރުވުމުން ކުރި ދިރާސާގައި އެ ބޭހުގައި ފުރާނައަށް ގެއްލުން ވާ މާއްދާއެއް ކަމަށް ވާ އެތެލީން ގްލައިކޯލް ހުރިކަމަށް ދެއްކުމުންނެވެ.