ރާއްޖޭގެ ކަނޑު އަޑީގެ ގުދުރަތީ އަޖައިބު ކުރުވަނިވި މަންޒަރުތަކާއި ދިރުންތައް ދައްކުވައި ދިނުމަށް 22 އަހަރު ހިދުމަތް ކޮށްފައިވާ ވޭލް ސަބްމެރިން މޯލްޑިވްސް އިން މިއަދު 11،000 ވަނަ ޑައިވް ފުރިހަމަ ކޮށްފިއެވެ.

މި ޑައިވް ފުރިހަމަ ކޮށްފައި ވަނީ މިއަދު ހެނދުނު 10 ޖަހިއިރުއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވޭލް ސަބްމެރިން މޯލްޑިވްސްގެ ފައުންޑާ އުމަރު ނަސީރު ވިދާޅުވީ، ވިދާޅުވީ، މި އަދު ހާސިލް ކުރެވުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ޑައިވް ނުކުރާ މީހުންނާއި އަދި ދުވަހަކުވެސް ކަނޑު އަޑީގެ ގުދުރަތީ ރީތި މަންޒަރު ބަލާ ނުލެވޭ މީހުންނަށް ރައްކާތެރިކަމާއެކު ކަނޑު އަޑި ބަލާލުމަށް ދޭ ހިދުމަތް ރައްކާތެރި ކަމާއެކު 22 އަހަރުތެރޭ ކުރެވިފައިވާ ކަމީ ފާހަގަކުރަން ޖެހޭ ކާމިޔާބީއެއް ކަމަށެވެ.

"މިއީ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއް. ކަނޑު އަޑި ނުފެންނަ މީހުންނަށް ޑައިވް ނުކުރާ މީހުންނަށް ކަނޑު އަޑި ދެއްކުމުގެ ހިދުމަތް ރާއްޖެގައި ރައްކާތެރިކަމާއެކު ކުރަމުން އާދެވޭ ކަމަކީ ވަރަށް ބޮޑު ކަމިޔާބީއެއް."
އުމަރު ނަސީރު

ދުނިޔޭގައި ޓޫރިސްޓް ސަބްމެރިން އަކީ މަދު އެއްޗަކަށް ވާއިރު މި ސަރަހައްދުގައި ސަބްމެރިން ހިދުމަތް ދޭ ހަމައެކަނި ގައުމަކީ ރާއްޖެކަން އުމަރު ފާހަގަ ކުރެއްވިއެވެ.

ވޭލް ސަބްމެރިން އިން ދޭ ހިދުމަތް ބަލައިގަނެ އެ ހިދުމަތް ހޯދާ މީހުން އިތުރުވެގެން ދިއުމަކީ ވެސް ހިދުމަތް ރަނގަޅަށް ފޯރުކޮށް ދެވޭ ކަމުގެ ހެއްކެކެވެ. 22 އަހަރު ދުވަހު މި ހިދުމަތް ދެމުން އަންނަ އިރު 350،000 އަށް ވުރެ ގިނަ ފަތުރުވެރިން މި ހިދުމަތް ހޯދާފައި ވާ ކަމަށް އެ ވޭލް ސަބްމެރިން އިން ބުނެއެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް / ފޮޓޯ: ދަ ޕްރެސް

އަދި ހާސިލް ކުރެވުނު ލަނޑުދަނޑިތަކަށް މިހާރު ބަޅާއިރު، އެ ކުންފުންނަކީ ދުނިޔޭގެ ފަސިންޖަރުން އުފުލާ ސަބްމެރިން އޮޕަރޭޝަން ތަކަށް ބަލާ ނަމަ ދުނިޔޭގެ "ނަންބާ ވަން" ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 11،000 ވަނަ ޑައިވް ފުރިހަމަ ކުރެވިފައި ވަނީ އެ ކުންފުނީގައި ބުރަ ކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ އެއްބާރުލުމާއެކުގައި ކަން ފާހަގަކޮށް މި ކާމިޔާބީ ހާސިލް ވުމުން މުވައްޒަފުންގެ ޓީމަށް ވެސް ކުންފުނީގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.