ވިލިމާލެ ބޭރުގައި އޮންނަ ވެލް ސަބްމެރިންގައި މިރޭ 3 ގޭސް ސިލިންޑަރު ގޮވާ، ސަބްމެރިން އަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައި ވާ ކަމަށް ފުލުހުން އަލުން ބުނެފިއެވެ.

ފުލުހުން ކުރިން ބުނީ، 4 ސިލިންޑަރު ގޮވައިގެން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް ގޮވީ ސިލިންޑަރު ތަކަށް ގޭސް އަޅާ ހޮޅިއެއް ކަމަށާއި، ހޮޅި ގޮވި ވަގުތު، ޕެރެޝަރާ އެކު 4 ސިލިންޑަރެއް ވިއްސައިގެން ދިޔައީ ކަމަށް ބުނުމުން، އިތުރަށް ސާފުކޮށް ދެމުން ފުލުހުން ބުނީ، ވޭލް ސަބްމެރިންގައި 3 ސިލިންޑަރު ގޮވާ، ގެއްލުން ވި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ވިލިމާލެއާ ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހާއި އަދި އައިޖީއެމްއެޗްގެ ޑިއުޓީގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓްބަލުން މިރޭ 9:10 ގައި ރިޕޯޓް ކުރި ކަމަށެވެ. އެ އާއެކު ބެލިބެލުމުން އޭރު އެނގުނީ ސަބްމެރިންގެ 4 ގޭސް ސިލިންޑަރެއް ގޮވައިގެން އުޅޭ ކަމަށެވެ.

ވޭލް ސަބްމެރިން އިން އިތުރަށް ބުނީ، ކޮންމެ ރެއަކުވެސް ދަތުރުތައް ނިންމާލުމަށް ފަހު ސަބްމެރިންގެ ސިލިންޑަރުތަކަށް ގޭސް އަޅާ ކަމަށާއި އެގޮތުން މިރޭ ގޭސް އަޅަމުން ދަނިކޮށް ގޭސް ހޮޅިއެއް ގޮވާ، އެ ޕްރެޝަރުގައި 4 ސިލިންޑަރެއް ވިއްސައިގެން ދިޔައީ ކަމަށެވެ. ނަމަވެސް އެއީ ހުސް ސިލިންޑަރުތަކެއް ކަމަށްވެސް ބުނެއެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ސަބްމެރިން ޑައިވް ކުރާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ ވިލިމާލެއާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭ ސަރަހައްދާ ދުރުނޫން ހިސާބެކެވެ.

އެ ސަބްމެރިން އަކީ އެވަގުތު މީހުން ތިބި ސަބްމެރިންއެއް ކަން ކަށަވަރެއް ނުވެއެވެ.