މިހާރު ކުރިއަށް ދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕައިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރައްވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރައީސްގެ ކެމްޕައިނަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.
ސަރުކާރުގެ ބަޖެޓުން ރައީސްގެ ދަތުރުފުޅުތަކަށް ބަޖަޓެއް ކަނޑައަޅާފައި ވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކެމްޕައިން ހަރަކާތުގައި އުޅުއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަަޑައިގަންންވާ އެހެނިހެން އިނާޔަތްތައް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެ ގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީންނާއި އިތުރު ސަޕޯޓް ޕެކޭޖްތައް ހިމެނޭކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މިކަންކަމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާކުރާކަމެއް ނޫންކަމަށެވެ.
ރައީސް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕައިން ދަތުރުފުޅުތަކުގެ ހަރަދު ދައުލަތުން ކުރައްވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ މިއުވާން ވިދާޅުވީ މިހާރު ރައީސް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ހަރަދު ކުރައްވަނީ ޕާޓީގެ ފަރާތުން ނުވަތަ ރައީސްގެ ކެމްޕެއިން ހަރަކާތަށް ފަންޑުކުރުމަށް ލިބިފައިވާ ފައިސާއިން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މިއުވާން މިހެން ވިދާޅުވެފައި ވާއިރު ރައީސް ސޯލިހް އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައިވެސް އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.