ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްއަށް ކުޅޭ ޕޯޗުގަލްގެ ފޯވަޑް ހާއޯ ފީލިކްސް ލޯނު އެއްބަސްވުމުގެ ދަށުން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ސީޒަންގެ ބާކީ އޮތް ބަޔަށް ފީލިކްސް ޗެލްސީއަށް ގެނައި އިރު ޗެލްސީން ވަނީ އެތްލެޓިކޯއަށް 11 މިލިއަން ޔޫރޯގެ ފީއެއް ދައްކާފައެވެ. މީގެ އިތުރުން، 23 އަހަރުގެ ފީލިކްސް ވަނީ އެތްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ނިޔަލަށް ދިގުކޮށްފައެވެ.

ފީލިކްސް ޗެލްސީއަށް ގެނައުމާ ބެހޭ ގޮތުން އެޓީމުގެ ކޯޗު ގްރެހަމް ޕޮޓާ ބުނީ ޗެލްސީއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ފީލިކްސް ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ޗެލްސީން އިތުރު ކުރި ކަމަށެވެ. ޕޮޓާ ބުނީ ފީލިކްސްއަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އޭނާއާއެކު ޗެލްސީގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

އެތްލެޓިކޯއާއި ޗެލްސީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މި ސީޒަންގައި ފީލިކްސްއަށް ދޭން ޖެހޭ މުސާރައާއި އެހެން އިނާޔަތްތައް ދޭނީ ޗެލްސީންނެވެ.

ޗެލްސީއަށް ބަދަލުވުމަށް ފަހު ފީލިކްސް ބުނީ ޗެލްސީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށާ ކްލަބުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.

ހައޯ ފީލިކްސް އަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. 2019 ވަނަ އަހަރު އޭނާ ފޯޗުގަލްގެ ބެންފީކާއިން އެތްލެޓިކޯއަށް ބަދަލުވެފައިވަނީ 113 މިލިއަން ޕައުންޑަށެވެ.

އެޓީމަށް 131 މެޗު ކުޅުނު އިރު ފީލިކްސް ވަނީ 34 ލަނޑު ޖަހާ ދީފައެވެ.