ގދ. ފަރެސްމާތޮޑާގައި މަގު ކޮންނަނިކޮށް ކުދި ބޮލި ހުރި ވަޅުގަނޑެއް ފެނިފައިވާ އިރު އެ ވަޅުގަނޑުގައި ހުރި ބޮލިތައް ނަގައި އެ ސަރަހައްދު ސާފު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، އެ ވަޅު ފެނިފައި ވަނީ އެރަށު މާތޮޑަ އަވަށު ހުކުރު މިސްކިތަށް ވަންނަ ގޭޓާ ދިމާލުން މަގުމަތިން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގައި ކަމަށެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެ ބޮލިވަޅު ފެނުމުން އެ ތަނުގައި ހުރި ބޮލިތައް ނަގައި ސާފުކޮށް އެ ބޮލިތައް ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި އެބަހުރި ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި ބޮލިވަޅު ފެނުނު ކަން ހެރިޓާޖް މިނިސްޓްީއަށް އަންގާފައި ވާނެ ކަމަށާއި މިހާރު އެ މިނިސްޓްރީގެ އިރުޝާދު ލިބެންދެން މަޑުކޮށް ގެން ތިބި ކަމަށް ކައުންސިލުން ބުނެއެވެ. އަދި ހެރިޓޭޖް އިން ވަކި ގޮތެއް އެންގުމުން އެ ގޮތަކަށް އަމަލު ކުރާނެ ކަމަށް ވެސް ބުނެއެވެ.

ފަރެސްތޮޑާ ގެ މާތޮދާ އަވަށުހުކުރު މިސްކިތް ކުރިމަތިން ފެނުނު ބޮލި ވަޅު ސާފު ކުރުމުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

އެ ރަށުން ފެނުނު ބޮލިވަޅުން ބޮޑު ގޯންޏެއްގެ ފުރާ ބޮލި ނަގާފައި ވެއެވެ. އަދި މިއީ މިފަދަ ބޮލި ވަޅެއް އެރަށުން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވިޔަސް އެ ރަށު މީހުން ބުނާ ގޮތުގައި މީގެ 35 އަހަރު ކުރިން ވެސް އެ ސަރަހައްދުން ކޮނެގެން ބައެއް މީހުންނާއި ކުދިން ބޮލި ނަގާފައި އެބަ ހުއްޓެވެ.

އިހު ޒަމާނުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުން ކުރީ ކުދި ބޮއްޔެވެ. މި ބާވަތުގެ ބޮއްޔަށް ބައެއް މީހުން ރަސް ބޮއްޔޭވެސް ކިޔައެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މިބޮލިވަޅަށް 100 ވަރަކަށް އަހަރު ވެދާނެ ކަމަށް ލަފާ ކުރެއެވެ. އިހުޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި މިވައްތަރު ކުދި ބޮލި، ހިލުމަށް ފަހު ކާޑު ގެއަށް ބޮލިތައް ކިރައި ނިމުމުން ފުޅަކަނޑުވަން ވެގެން ބިމުގައި ވަޅުލާ ހަދައެވެ.

ފަރެސްތޮޑާގެ މާތޮޑަ އަވަށު ހުކުރު މިސްކިތް ކުރިމަތިން ފެނުނު ބޮލި ވަޅު ސާފު ކުރުމުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގައި އެ ރަށުގެ ކާޑުގެ ހުރި ސަރަހައްދުގައި މިހާރު ހުންނަނީ އެ ރަށު މާތޮޑަ އަވަށު ހުކުރު މިސްކިތެވެ. 1970 ގެ ކުރިން އެތައް އަހަރެއް ވަންދެން އެކާޑުގެ ބޭނުން ކުރަމުން ދިޔައީ އޭރު އެ ރަށަަށް ލިބޭ ކާޑު ކޮޅު މަދު ކަމުން އިންސާފުވެރި ކަމާ އެކު ރައްޔިތުންނަށް ކާޑު ބެހުމަށެވެ. ވަކި މިންވަރަކަށް ކޮންމެ ގެއަކަށް ވެސް ކާޑު، އެއިރުގެ ރަށުގެ ވެރިން ރައްޔިތުންނަށް ބަހާފައި ވެއެވެ. ނަމަވެސް 1970 ގެ ފަހުން އެތަން ބޭނުން ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ފަރެސްމާތޮޑާއިން ބޮލި ވަޅެއް ފެނުނު އިރު މީގެ މަހެއްހާ ދުވަސް ކުރިން ދ. ރިނބުދޫން ވެސް ވަނީ މިފަދަ ބޮލި ވަޅެއް ފެނިފައެވެ. ރިނބުދޫން ވެސް ބޮލި ވަލު ފެނިފައި ވަނީ ފެނާއި ނަރުދަމާގެ މަސައްކަތަށް މަގު ކޮންނަމުން ދަނިކޮށެވެ. އެ ރަށުން ވަނީ އެއް ގޯންޏާއި ބައި ގޯނި ފުރާ ބޮލި ނަގާފައެވެ. އެތަކެތި ގުނި އިރު، 84،000 އަށް ވުރެ ގިނަ ބޮލި ނެގިފައިވާ ކަމަށް ރިނބުދޫ ކައުންސިލުން ވަނީ ބުނެފައެވެ.