ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ވޭނަކުން ބަނގުރާ ފުޅިތަކާއި ދަޅުތަކެއް އަތުލައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ބަނގުރާ ފުޅިތަކާއި ފުޅިތައް ފުލުހުން ނަގަމުންދަނީ އާރްސީސީގެ ވޭނަކުންކަން ޔަގީންވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ ވޭންއަކާ މެދު ތުހުމަތުތަކެއް ކުރެވިގެން އެ ވޭން ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހަނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މިއަދު ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވާއިރު މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ސައިކަލެއްގައި ބަނގުރާ ހިފައިގެން ދިޔަ ދެމީހުން ފުލުހުންނަށް ފިލަން އުޅެނިކޮށް އެކްސިޑެންޓް ވުމުން ވެސް އެމީހުން ވަނީ ފިލައިފައެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގު 13 ނަންބަރު ގޯޅިން ސައިކަލެއްގައި ދިޔަ ދެމީހުންނަށް މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލު ބާރަށް ދުއްވާލި ވަގުތު އެ ސަރަހއްދުގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

ސައިކަލުގައި އެމީހުން ދިޔައީ 2 ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓް ވުމުން ސައިކަލުގައި ތިބި ދެމީހުން ވަނީ ފިލައިގެން ގޮސްފައި ކަމަށް ވެސް ފުލުހުން އެ ދުވަހު ވަނީ ބުނެފައެވެ.