ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލެއްގެ މައްޗަށް ބޭނުންކުރި ފްލައިޓްގެ އަދަދު އިތުރުވެ މިދިޔަ އަހަރު ހަދާފައިވާ ރެކޯޑް ފަހަތަށް ޖައްސާލުމަށް ފަހު އާ ރިކޯޑެއް ގާއިމް ކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިމަހުގެ 7 ވަނަ ދުވަހަކީ އެ އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓުގެ އާ ރެކޯޑެއް ހެދި ދުވަސް ކަމަށެވެ. އެގޮތުން މައި އެއާޕޯޓްގެ ރަންވޭގައި ޖުމްލަ 251 މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށާއި އަދި ސީޕްލޭން މޫވްމަންޓްގެ ގޮތުގައި 605 މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މިއާ އެކު ޖުމްލަ މޫވްމަންޓްގެ އަދަދު ވަނީ 856 އަށް އަރާފައި ކަމަށް އެމްއޭސީއެލުން ބުނެއެވެ. މިއީ މިދިޔަ އަހަރު ގާއިމް ކޮށްފައިވާ ރިކޯޑާ އަޅާބަލާއިރު 17 މޫވްމެންޓްގެ އިތުރުވުމެކެވެ.

މީގެ ކުރިން އެއާޕޯޓްގައި އެންމެ ގިނަ އަދަދަކަށް މޫވްމަންޓް ރިކޯޑް ކޮށްފައި ވަނީ ހުސްވި އަހަރުގެ ފެބްރުވަރީ 19 ވަނަ ދުވަހުއެވެ. އެދުވަހު އެއާޕޯޓް ރަންވޭގައި ޖުމްލަ 210 މޫވްމަންޓް ހިނގާފައި ވާއިރު، 629 ސީޕްލޭން މޫވްމެންޓް ރެކޯޑް ކުރެވި ޖުމްލަ 839 މޫވްމެންޓް ރިކޯޑް ކުރެވިފައި ވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށާއި ތަރައްގީ ކުރުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ކޮށް ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭރުގެ މާކެޓްތަކުގެ ސަމާލުކަން ހޯދުމަށް ގިނަ ހޭދަތައް ކޮށް އިސްތިހާރު ކުރުމާއި އިތުރު މަސައްކަތްތަކެއް ފަށާފައި ވަނީ 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން ދިމާވި އިގްތިސޯދީ ގޮން ޖެހުންތަކުން އަރައިގަތުމަށެވެ.

އާއަހަރަކާއެކު އާ ލަނޑުދަނޑިއަކަށް ވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމެވެ.