އެމްޓީސީސީ އިން މިއަދު ތިލަފުށީގައި އެމަޖެންސީ އެކްސަސައިޒެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި އެކްސަސައިޒަކީ ކުއްލި ހާލަތުގައި އެ ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެމަޖެންސީ އެކްސަސައިޒެއް ކަމަށެވެ.

މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 18:00 ހަމައަށް ކ. ތިލަފުށީ ބޯޓު ޔާޑުގައި ކުރިއަށް ގެންދާ މި ޑްރިލްގައި އެމްޓީސީސީ ބޯޓު ޔާޑް އެއްކޮށް އިވެކުއޭޓް ކުރާނެއެވެ. އެމްޓީސީސީ އިން ބުނީ އެ ވަގުތު ބޯޓު ޔާޑުގައި ހުރިހާ މުވައްޒަފުން އެ ތަނުން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓް ޔާޑް ހުސްކުރާނެ ކަމަށެވެ.

އެމްޓީސީސީ ބޯޓް ޔާޑަކީ ކ. ތިލަފުށީ އިންޑަސްޓްރިއަލް އޭރިއާ ސަރަހައްދުގައި ހިންގަމުންދާ އޮޕަރޭޝަނަކަށް ވުމުން، އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދާ ފަރާތްތަކާއި އަދި އެކި ބޭނުންތަކަށް ތިލަފުށްޓަށް ޒިޔާރަތް ކުރާ ފަރާތްތަކުން މި ޑްރިލްގެ ސަބަބުން ދުމުގެ އަސަރު ކޮށްފާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ދުމުގެ އަސަރުން ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މި ޑްރިލް ކުރިއަށް ދާ ގަޑީގައި ދުމުގެ އަސަރު ގަދައަށް ކުރާނަމަ، ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާ ބަންދުކުރުމަށާއި ލޮލާއި ނޭފަތް އަދި އަނގަ ރަނގަޅަށް ބަންދުކުރުމަށް އެމްޓީސީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.