އަތުގައި އޮންނަ މާސްޓާކާޑާއި ވިސާ ކޮންޓެކްޓް-ލެސް ކާޑު ބޭނުން ކޮށްގެން އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، ދުނިޔޭގެ ކޮންމެ ބޭންކެއްގެ ވެސް ކޮންޓެކްޓްލެސް މާސްޓާކާޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ބަހުގެ ހިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ.

މާސްޓާކާޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސްކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓާ މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތަށް ފައިސާ ދެއްކުމަށް ކޮންޓެކްޓްލެސްކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރުގެ ސްކޭނާގައި ޓެޕްކޮށް ލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ. އަލަށް ތައާރަފުކުރި ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމަކީ މިވަގުތަށް ހަމައެކަނި އާރްޓީއެލް މާލެ ސިޓީގެ ބަހުގެ ހިދުމަތަށް އިތުރުކުރި ހިދުމަތެއް ކަމަށެވެ. އެހެން ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި އާރްޓީއެލް ބަހުގެ ހިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަން ހުރި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހުއެވެ. މާލެ ތެރޭގައި ކުރާ ބަސް ދަތުރަކަށް މީހެއްގެ އަތުން ނަގަނީ 7ރ. އެވެ.

އެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭ އިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެެވެ.

މާލޭގެ އިތުރުން، ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އުތުރުގެ ފަސް އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ފަށައިފައެވެ.