ތ. ކިނބިދޫ ސްކޫލްގެ ދަރިވަރުންތަކެއް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެއަށް މިއަދު ޒިޔާރަތް ކޮށްފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒިޔާރަތުގައި ކިނބިދޫ ސްކޫލްގެ ގްރޭޑް 10ގެ 17 ދަރިވަރަކާއި 5 ޓީޗަރަކު ބައިވެރިވި ކަމަށެވެ. އެ ޒިޔާރަތުގައި އެކުދިން ވަނީ އިންޖީނުގެ ބަލައި އެތަނުގައި ދޮޅުގަޑިއެއްހާއިރު ހޭދަކޮށް މަސައްކަތްތައް ކުރިއަށްދާގޮތް ބަލާފައެވެ. އޭގެ އިތުރުން ކުންފުންޏާ ބެހޭ ގިނަ މައުލޫމާތުތަކެއް ކުންފުނީގެ ފަރާތުން ފޯރުކޮށްދީފަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއަކީ މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ކަރަންޓްގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާ ކުންފުންޏެވެ. އަދި މިހާތަނަށް ގިނަގުނަ ލަނޑުދަނޑިތަކެއް އެކުންފުނިން ހާސިލް ކޮށްފައި ވާއިރު ފާއިތުވި 2021 ވަނަ އަހަރު މާލެއާއި ހުޅުމާލެއާ ދެމެދު އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫގެ އިތުރުން މާލެ އަތޮޅު ގުޅީގައި އޮޑިދޯނިފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ސްޓެލްކޯއިން ބުނީ އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެން ކަމަށާޢި އެގޮތުން ބޭންޑް A އަށް 10 ރުފިޔާ، ބޭންޑް B އަށް 12 ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް 13 ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ހަކަތައިގެ ދާއިރާ ޒަމާނީ ކުރުމަށް އެތައް މަސައްކަތެއް އެކުންފުނިން ރާވައި ހިންގަމުން ދެއެވެ.