ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުން ދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ލޮލުރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
ލޮލު ރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ރޯގާއަކަށް ވާއިރު ލޮލު ރޯގާގެ އަލާމާތްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައި ވަނީ ހުންއައުމާއި ލޯ ހިރުވުމާއި ލޮލުން ފެންއައުމާއި ލޯ ރަތްވުމުން އަދި ލޮލުގައި މަޑުލުމެވެ.
އެޗްޕީއޭއިން ވަނީ ލޮލު ރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކާ ފަރުވާ ހޯދުމަށް އެދިފައެވެ.
ލޮލު ރޯގާއިން ރައްކާތެރިވުމަށް:
- ގިނައިން ސައިބޯނިލައިގެން އަތްދޮވުން.
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
- ލޮލުގައި އަތްލުމާއި ލޯ އުނގުޅުމުން ދުރުހެލިވުން.
- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން.
ލޮލުރޯގާ ޖެހިފައިވާ މީހާ ބޭނުން ކުރާ ލޮލަށް އަޅާ ބޭސް ބަލި ނެތް މީހުން ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައިވެސް ލޮލު ރޯގާ ފެތުރޭ މިންވަރު އިތުރުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އަދި ލޮލު ރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށާއި ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތުމާއެކު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.