އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ހަމަ ލޮލަށް ފެންނަ މިންވަރު ދަށަށް ގޮސްފައިވަނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ވައި ނުސާފު ވެފައިވާތީ ކަމަށެވެ. އަދި ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނުކަމުގައި ވީ ނަމަވެސް މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައި 4 ކިލޯމީޓަރަށް ދަށަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ބުނީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި މިދުވަސްވަރު މިދުރުމިނަށް ބަދަލު އައިސްފައިވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން ދިޔުމާއި ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރާތީކަމަށް އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ ސަބަބުން ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް އުތުރާއި މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ދަށްވާކަން ކުރިން ވެސް ފާހަގަވެފައި ވާކަމަށް މެޓް އޮފީހުން ވަނީ ބުނެއެވެ.

ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވެއެވެ.