އިދިކޮޅު ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި ޗެނަލް13 އިގެ ނޫސްވެރިޔާ މުހައްމަދު ސަމާހު ދޫކޮށްލީ ރޭގަނޑު ބޭރަށް ނުނިކުމެވޭ ގޮތަށް ކަމަށް އޭނާ ބުނެފިއެވެ.

ސަމާހް ބުނީ، ކޯޓުން އެންގީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭގައި ހުރުމަށް ކަމަށާއި 30 ދުވަހުގެ މުއްދަތަށް އެގޮތަށް ކަންތައް ކުރުމަށް އަންގާފައިވާ ކަަމަށެވެ.

އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ، ޗެނަލް 13ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައި ހުންނެވި ސަމާހުގެ ދޫކޮށްލަން ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި، އޭނާ ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ. އެ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ އިޖުއާރަތާ އެއްގޮަތަށް ކަމަށާއި އޭނާ ކުރި ކަމަކީ އިތުރު ބަޔަކު އެ ސަރަހައްދަށް ގެންދިއުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ސަމާހް ކޯޓުގައި ބުނެފައި ވަނީ، މުޒާހަރާއަށް އޭނާ ދިޔައީ ޗެނަލް 13ގައި މަސައްކަތް ކުރާތީ މުޒާހަރާ ލައިވްކުރުމަށް ކަމަށެވެ. 12 ގަޑިއިރު ގޭ ބަންދެއްގައި ހުންނަން ޖެހޭ ގޮތަށް ޝަރުތުކޮށް އޭނާ ދޫކޮށްލާފައި ވީ ނަމަވެސް ކޯޓު އަމުރުގައި އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅޫން މުޒާހަރާތައް ކުރިއަށް ގެންދަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވުމުންނެވެ. މި މުޒާހާރާތަކުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލުމަށް އަންނަނީ ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ ހުކުމް ތަންފީޒް ކުރަމުން އައި ނަމަވެސް އަދިވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކުރަމުންނެވެ. އެމަނިކުފާނު ޖަލަށް ލީ އިރު އޭނާ އަކީ ޕީޕީއެމް އިން އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުގެ ގޮތުގައި ނިންމައި ޔާމީނަށް ވަނީ ޓިކެޓް ހަވާލުކޮށްފައވެެ. ނަމަވެސް އިދިކޮޅުން އިތުރު ކެންޑިޑޭޓަކު ހޮވުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށާއި ޔާމީނަށް ކެމްޕެއިން ކުރުމަށް އެކި ހަރަކާތްތައް އަންނަނީ އިދިކޮޅުން ރާވަމުންނެވެ.