ވެރިކަމަށް އާދެވޭނީވެސް އަދި ދެމެހެއްޓޭނީވެސް ކޯލިޝަނަކުން ކަމަށާއި އެކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅަކީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ގައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ، ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި ކުރިއަށް ވަޑައިގަންނަވަން ކަމަށާއި އެކަމުގައ ކުރިއަށް ވަޑައިގެންނެވޭނެ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަން ކުރެވޭނީ ވެރިކަމުގައި ތިބެގެންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އާދެވެން އޮތް ގޮތް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ ގިނަ ބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެން ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތް ގޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ދެން ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭރު އެކަނިމާ އެކަނި ނިކުމެ ވަޑައިގެން އިންތިހާބު ކާމިޔާބު ކުރައްވަން އުޅުއްވި ނަމަވެސް މިއަދު އެކަން އެހެން ކުރެވެން ނެތް ކަމަށް ނަޝީދު ގަބޫލު ކުރައްވާ ކަމަށެވެ.

"މިއަދު ވިދާޅުވީ ކޯލިޝަނެއް ހަދާ ވާހަކަ. ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުންކަން. ދަންނަވަން ބޭނުންވާ ވާހަކައަކީ ކޯލިޝަނެއް ހެދެނީ އެކަންޏެއް ނޫން. ގިނަ ޕާޓީތައް ބައިވެރިވެގެން"
ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ބަލަން ވީ އެކަން ކުރެވޭނީ ކާކަށްތޯ ކަމަށާއި ކޯލިޝަނެއް ހެދިޔަސް ދަމަހައްޓައިގެން ނޫނީ ވީ ވައުދުތަކެއް ނުފުއްދޭނެ ކަމަށެވެ.

އެއާއެކު އަމިއްލަފުޅަށް އިޝާރާތް ކުރައްވައި ދެން އެއްސެވީ ސުވާލެކެވެ. އެ ކޯލިޝަން ހަދާށާއި ކޯލިޝަން ދަމަހައްޓަށް އެނގެނީ ކާކަށްތޯއެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ދެ ކެންޑިޑޭޓުން ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ދެ ބޭފުޅުން ވެސް އަތޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް މިހާރު ކުރިއަށް ގެންދަވާ އިރު ދެ ފެކްޝަނުން އަންނަނީ ބަހުގެ ހަމަލާ ރައްދު ކުރަމުންނެވެ.