ދެ އަހަރެއްގައި އެއްމާބަނޑު ދެކުދިން ވިހައިފިއެވެ.

އެމެރިކާއަށް ނިސްބަތްވާ ކަލީ ޖޯ ސްކޮޓް އެއްމާބަނޑު ދެ އަންހެން ކުދިން ވިހެއީ 31 ޑިސެމްބަރު 2022 އާއި 1 ޖެނުއަރީ 2023 ގައެވެ. ކަލީ ބުނީ އޭނާގެ ޑިއު ޑޭޓް އަކީ 2023 ގެ ޖެނުއަރީ މަސް ކަމަށާއި ޑޮކްޓަރުން ސިޒޭރިއަން ހަދަން ގަސްތުކޮށްފައި އޮތީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ލޭ މައްޗަށް ދިޔުމުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަލީ އެޑްމިޓް ކުރިއެވެ.

ފުރަތަމަ ދަރިފުޅު 23:55 ގައި ވިހޭއިރު ދެވަނަ ދަރިފުޅު ވިހެއީ ހަ މިނެޓު ފަހުން 12:01 ގައެވެ. ކަލީ ބުނީ ޓްވިންސް ދެކުދިން ދެ އަހަރެއްގައި ވިހެއުމުން ލިބުނު އުފަލެއް ކަމަށާއި އެއީ ވަރަށް ޔުނިކް ގޮތެއް ކަމަށެވެ. އޭނާ ބުނީ ދެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް އެއް ދުވަހަަކަށް ހަދަން ބައެއް މީހުން ލަފާ ދިން ކަމަށާއި ނަމަވެސް އެގޮތް ބޭނުންނުވީ ކަމަށެވެ. ދެކުދިންގެ އުފަންދުވަސްވެސް ދެ ދުވަހު ބާއްވާނީ ކަމަށާއި ކޮންމެ އަހަރެއްގައި ވެސް ދެކުދިންގެ އުފަންދުވަސް ދެދުވަހެއްގައި ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ކެލީ ބުންޏެވެ.

"އެޑްމިޓްކުރީމަ އަސްލު ހީކުރީ 31 ވަނަ ދުވަހު ވިހާނެ ކަމަށް. ފުރަތަމަ ދަރިފުޅު ވިހޭއިރު އަނެއް ދުވަސް ވާން އޮތީ ފަސްވަރަކަށް މިނެޓު. ދެން އެނގިއްޖެ ދެވަނަ ދަަރިފުޅު ވިހޭނީ އަންނަ އަހަރުކަން،"

ކަލީ ބުނީ އެއްމާބަނޑު ދެކުންދިން ދެ އަހަރެއްގައި އުފަންކުރުމުގެ ނަސީބު ލިބުމަކީ މަދު ބަޔަކަށް ލިބޭނެ އުފަލެއް ކަމަށާއި އެކަމާއި އޭނާ އުފާވާކަމަށެވެ.