ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތުމަށް ފަހު ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ އެ އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީ އާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސް ކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް 3 ރަށެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫއުތައް އިތުރަށް ހަލުވި ކުރަން ޖެހިފައިވާ ކަމަށާއި، ތާރީހީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްގީ ކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށް ދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސް ސޯލިހް އަރިހުގައި އެދިފައެވެ.

ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ ވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫއުތަކާއި އަދި ރޭވިފައިވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރެއްވި ހިޔާލާއި ދެއްވި މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއާޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ. ހަމައެއާއެކު ދެން އެންމެ އަވަހަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށިގެން ދާނެ ސަރަހައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރު ފަހު ރ. އަތޮޅު ކައުންސިލް މެންބަރުންނާ އެކު ބޭއްވެވި މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، މި ސަރުކާރުން އަލިފުށީ ސްކޫލުގައި އިމާރާތްކުރި މަލްޓިޕާޕަސް ހޯލު ހުޅުއްވައި ދެއްވައި އެ އިމާރާތް ބައްލަވައި ލައްވާފައެވެ.