ރ. އަލިފުށީގައި ކެންސަރު ބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެއެވެ.

2022 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަލިފުއްޓަށް ވަޑައިގެން މިއަދު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ރައީސް ސޯލިހު ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި ސިނާއީ ސަރަހައްދަށް ބިން އިތުރު ކުރުމާއި އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރަން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެ ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުން ވަނީ މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހާ ބޮޑު ތަރައްގީއެއް މި ދައުރުގައި އައިސްފައިވާ ކަމަށާއި އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް އަށް ޝުކުރުއަދާ ކުރައްވާފައެވެ. މިގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.