ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ޑީއެންއޭ ހަދަން ނިންމައިފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު އެ ސަރަހއްދުން އިންސާނެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓް ކޮށްފައި ވަނީ އެ ދުވަހުގެ ހެންދުނު 9:03 ހާއިރެވެ.

ފުލުހުން ބުނީ އެ ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މިކަމަކީ ވަގުތު ނަގާނެ ކަމެއް ކަމަށެވެ.

އެ ޑީއެންއޭ އެނަލިސިސްއަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިންސާނެއްގެ ހަށިގަނޑު ވ. އަތޮޅު ކަނޑުން ފެނިފައިވާ އިރު، ދާދިފަހުން ތެޔޮ ބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) ފެނުނު ނަަމަވެސް އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން ފެނިފައެއް ނުވެއެވެ. އަދި ނިޒާމް ވަނީ މަރުގެ ތުހުމަތެއްގައި ހައްޔަރުކޮށް 60 ދުވަހަށް ބަންދުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ތަނުން ވެސް ވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައެވެ. އަދި އެ ބައިތައް ފެނުނު އިރު ގުޅީފަޅު އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ.