ރެކޯޑް ފީ އަކަށް ސައުދީގެ އަލް ނަސްރް ޓީމާ ގުޅުނު ކުރިސްޓިއާނޯ ރޮނާންޑޯ ރަސްމީކޮށް ޓީމު ޖާޒީގައި ސަޕޯޓަރުންނާއި ދުނިޔެއަށް ދައްކާލައިފިއެވެ.

އަލްނަސްރުގެ ދަނޑު ފުރެންދެން އެއްވެފައި އޮތް ސަޕޯޓަރުންނާ ރޮނާންޑޯ ބައްދަލު ކުރި، (ތައާރަފް ކުރި) ރަސްމިއްޔާތުގައި އޭނާގެ އަންހެނުންނާއި 3 ކުދިންވެސް ބައިވެރިވިއެވެ.

ޔޫރަޕްގެ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، އޭނާ އަލް ނަސްރް އަށް ދިޔައީ އަހަރަކަށް 212 މިލިއަން ޑޮލަރަށެވެ. އެއީ އަހަރަކަށް 3.2 ބިލިއަން ދިވެހި ރުފިޔާއެވެ.

އުމުރުން 37 އަހަރުގެ ޕޯޗުގަލް ޓީމުގެ ކެޕްޓަން، ރޮނާންޑޯ ބުނީ އޭނާ އަލް ނަސްރަށް ދިޔުމުގެ ކުރިން ބްރެޒީލް، އޮސްޓްރޭލިއާ، އެމެރިކާ އަދި ޕޯޗުގަލްގެ ޓީމުތަކުން ހުށަހެޅުންތައް ލިބުނު ކަމަށެވެ.

"އަހަންނަށް ހުރިހާ ކަމެއް ކާމިޔާބު ވެއްޖެ، ޔޫރަޕްގެ އެންމެ މުހިންމު ކްލަބްތަކަށް ކުޅެފިން، މިހާރު އޭޝިއާގައި އާ ޗެލެންޖެއް މި ނެގީ"
ރޮނާލްޑޯ

ފުޓްބޯޅައިގެ ތާރީހުގައި ކުޅުންތެރިއަކަށް ލިބޭ އެންމެ ބޮޑު މުސާރައިގައި 2025 ގެ ނިލަޔަށް ރޮނާލްޑޯ އަލް ނަސްރުގައި ހުންނާނެއެވެ.

ސައުދީ ޕްރޯ ލީގްގެ ޗެމްޕިއަންކަން 9 ފަހަރު ހޯދާފައި ވާ އަލް ނަސްރް އާ ގުޅުމަށް ފަހު ރޮނާންޑޯ ބުނީ، އެ ކޮންޓްރެކްޓަކީ ހާއްސަ ކޮންޓްރެކްޓެއް ކަމަށާއި އޭނާ އަކީ ވެސް ހާއްސަ މީހެއް ކަމަށް ވުމުން އެއީ އޭނާ އަށް އާދައިގެ ކަމެއް ކަމަށެވެ.

ރޮނާލްޑޯ، އަލްނަސްރު ޖޯޒީގައި ރަސްމީކޮށް ދައްކާލަނީ

އޭނާ އިތުރަށް ބުނީ، ޓީމުގެ ކޯޗް ބޭނުން ނަމަ މިއަދުން ފެށިގެންވެސް އޭނާ ހުރީ ކުޅެން ތައްޔާރަށް ކަމަށެވެ.

އަލް ނަސްރްގެ ކޯޗް ބުނީ، އޭނާގެ ހަޔާތުގައި ރޮނާލްޑޯ ފަދަ ކިތަންމެ ކުޅުންތެރިންނެއް ފެނިފައި ވާ ކަމަށާއި އެންމެ ފަސޭހަ ކުޅުންތެރިއަކީ ރޮނާންޑޯ ކަމަށެވެ. "އޭނާއަށް ކިޔައިދޭނެ އެއްޗެއް ނެތް" ކޯޗް ބުންޏެވެ.

އިތުރަށް ކޯޗް ބުނީ، އޭނާ ބޭނުންވަނީ ރޮނާލްޑޯ އުފަލުގައި ހުރުމަށާއި އޭނާ އާ އެކު އަލް ނަސްރަށް މޮޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ.