ތެޔޮ ބޯޓެއްގައި ފުރި ދެމީހުން ގެއްލިގެން ހޯދަމުން އަންނަ އިރު އޭގެތެރެއިން އެކަކު ގަދަވެ ސަލާމަތުން މާލޭގައި އެބަ ހުރި ކަމަށް ބުނެ ފޮޓޯއެއް ދައުރުވާން ފަށައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު (ޖަނާބު އިއްބެ) ކުރި ޓުވީޓެއްގައި ވަނީ އެމީހާއާއެކު ފޮޓޯއެއް ނަގާ އާންމު ކޮށްފައެވެ. އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ ގެއްލިގެން ހޯދަމުންދާ މީހާ މާލޭގެ ގްރީންޒޯން ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ގާތުގައި އަހާލީމާ ބުނީ، "ފުލުހުން ނޫޅޭ ގެއްލިގެން" މިހެންނެވެ.

އެ ފޮޓޯ ނަގާފައި ވަނީ މިއަދު މެންދުރު 12:52 ގައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ވަނީ ފެނިފައެވެ. އެ ބޯޓު ފެނުނު އިރު ވެސް އެ ބޯޓުގައި ފުރައިގެން ދިޔަ ދެ މީހުން ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން އައި ދެ މީހުންގެ ތެރެއިން ފެނިފައި ވަނީ އުމުރުން 45 އަހަރުގެ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމެވެ. އޭނާ ފެނުނު ކަމަށް ބުނެ އެ ޕޯސްޓް ދައުރުވަމުން ދިޔަ ނަމަވެސް އެމީހާ ފެނިފައިވާ ކަމަށް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ނިޒާމު ފެނިފައި ވީ ނަމަވެސް އެ ބޯޓުން ދަތުރު ކުރި ކަމަށް ބުނާ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން އަދި ފެނިފައެއް ނުވެއެވެ.

‏މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.