ކޮވިޑް19 އަށް ފަހު ދުނިޔެ ހުޅުވާލުމާއެކު އައި، އާ އަހަރުގެ އުފާ ފާޅު ކުރުމަށް ޔުގެންޑާގައި ވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވިއެވެ. ރޭ ޔުގެންޑާގެ ވެރިރަށް ކަމްޕާލާގައި ހުންނަ ފްރީޑަމް ސިޓީ މޯލްގައި އޮތް ޝޯ ބަލަން އެތައްހާސް ބަޔަކު އެއްވިއެވެ. މުޅި ތަން އެކީ ފުރިފައި އޮތް އިރު ލަވަޔާއި މިޔުޒިކުގެ އައިޓަމްތަކުން ކުޅިބަލާ މީހުންގެ ޖޯޝް އިތުރު ކޮށްދެމުން ދިޔަ އިރު ގަޑިން ދަންވަރު 12 ޖެހުމާ ގާތްވި ވަގުތަކީ އާ އަހަރުގެ އުފާތައް ހިތާމައަށް ބަދަލު ވެގެން ދިޔަ ވަުތެވެ.

ހަވާ އަރުވާތަން ބަލަން އެންމެން ކޮޅުކޮ މައްޗަށް ދުއްވައިގަތެވެ. އެއާއެކު އެއްބަޔަކު ފިތި ހާސްވެގެން މަރުވި އިރު ދުއްވައިގަން މީހުންގެ ފައިދަށުވެ ކުޑަކުދިންތަކެއް ވެސް މަރުވި ކަމަށް ހަބަރުތައް ބުނެއެވެ.

ކުޑަކުދިން ހިމެނޭ ގޮތުން ޖުމްލް 9 މީހަކު މަރުވިއެވެ.

މިހާދިސާ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށާފައި ވާ އިރު، ރޭގެ ޝޯ ބަލަން އެއްވީ ކިހާ މީހުންނެއް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

އާ އަހަރުގެ ޝޯ ތަކާއި އެނޫންވެސް އެބާވަތުގެ އެކިއެކި ޝޯ ތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ދެކުނު ކޮރެއާގައި އީސާއީންގެ އީދެއް ކަމުގައި ވާ ހެލޮވީން ފާހަގަ ކުރަން އެއްވި ބައިގަނޑެއްގެ މީހުން ކޮޅުކޮޅު މައްޗަށް ދުއްވައިގަތުމުން ފިތި ބާރުވެގެން 151 މީހަކު މަރުވި ހާދިސާއެއް މިދިޔަ އަހަރު ވަނީ ހިނގާފައެވެ. އެ ހާދިސާގައި ވެސް މީހުންގަނޑު ފިތެން ދިމާވީ، އެ އީދުގައި ބައިވެރިވާން ދިޔަ ފަންނާނެއް ބަލަން މީހުންގަނޑު އެއްފަހަރާ، ދޮރުރަކާ ދިމާއަށް ދުއްވައިގަތުމުންނެވެ.