ތެޔޮ ބޯޓެއްގައި ފުރި ދެމީހުން ގެއްލިގެން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނެރުކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓް ހާމަކުރަމުން ފުލުހުން ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެއާޕޯޓް ނެރުކައިރިން އެ ބޯޓު އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެ ބޯޓުގައި ދަތުރު ކުރަމުން ދިޔައީ އެ ދެމީހުން އެކަނި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެ ދެމީހުން އަދި ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ބޯޓުގައި ދަތުރު ކުރި ދެމީހުންނަކީ، ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) އަދި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.

‏މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މުހައްމަދު ނިޒާމް އަދި މޮހައްމަދު ލިޓަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.