ހިތަކީ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއްގުނަވަނަށް ވާއިރު، ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އިސްކަމެއްދޭން ޖެހެއެވެ. އަދި ހިތަށް ގެއްލުން ލިބޭ ފަދަ އާދަ ތަކުން ދުރުވާން ޖެހެއެވެ.

ހާޓް ފެއިލިއާ ނުވަތަ ހިތް ހުއްޓިއްޖެ ނަމަ ހަށިގަނޑުގެ އެހެން މުހިއްމު ގުނަވަންތަކުގެ މަސައްކަތްވެސް ހުއްޓެއެވެ. ރަނގަޅު ކާނާ ނުކެއުމާއި، ކަސްރަތު ނުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި ބަނގުރާ ބުއިމަކީ ހިތަށް ގެއްލުން ދެނިވި ބައެއް އާދަތައް ކަމުގައި ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން ހަށިގަނޑުގައި އުފެދޭ އިންފެކްޝަނެއްގެ ސަބަބުން ވެސް ހިތަށް ގެއްލުން ލިބިދާނެއެވެ.

ޒުވާން އުމުރުން ފެށިގެން ރަނގަޅު ސިއްހީ ދުޅަހެޔޮ އާދަތައް ގެންގުޅުމާއި ގަވާއިދުން ކަސްރަތުކުރުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ވާއިރު، ލޭގެ ޓޯޓަލް ކޮލެސްޓްރޯލް އަދި އެލްޑީއެލް (ލޯ ޑެންސިޓީ ލިޕޯޕްރޮޓީން) ލެވެލް ހިފެހެއްޓުމާއި، ލޭގެ ޕްރެޝަރު ރަނގަޅު މިންވަރުގައި ހިފެހެއްޓުމުގެ އިތުރުން ލޭގައި ހަކުރުގެ މިންވަރު ދަށްކޮށް، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަކީވެސް ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރި ކޮށްދޭ ކަންކަމެވެ.

ރަނގަޅު ކާނާ އަދި ކަސްރަތުކުރުމުން ހިތުގެ ބަލިތަކުން ދުރުވޭ/ފޮޓޯ: ގެޓީ އިމޭޖަސް

ކެއުމުގައި ބޭނުންކުރަންވީ ކާނާ

ކެއުމުގައި ރަނގަޅު ކާނާގެ މަދު މިންވަރެއް ފަހަރަކު ބޭނުންކުރުމާއި، ތަރުކާރީއާއި މޭވާ ގިނައިން ބޭނުންކުރުމާއި، ހަށިގަނޑަށް ރަނގަޅު ސަރުބީގެ ބާވަތް ކަމުގައިވާ އޮލިވް އޮއިލް، އަދި ކެނޯލާ އޮއިލް، ކެއްކުމުގައި ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން އެކި ކަހަލަ ތޮޅީގެ ބާވަތްތަކަކީ ވަރަށް ވެސް ފައިދާ ހުރި ބާވަތްތަކެކެވެ. މީގެތެރޭގައި، ޑްރައި ބީންސް، ސޯޔާ ބީންސް، ޕީސް އަދި މުގުގެ ތަފާތު ވައްތަރުތައް ހިމެނެއެވެ. ތޮޅި އަކީ ހިތުގެ ހިމަ ނާރުތައް ބެދުމަށް މަގުފަހި ކުރުވާ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީވެދޭ ކާނާއެކެވެ.

މީގެ އިތުރުން ކިރުގެ ބާވަތްތައް ކަމުގައިވާ، ޔޯގަޓް، ޗީސް ފަދަ ތަކެތި ބޭނުން ކުރުމުގައި ލޯފެޓް އެއްޗެހި ބޭނުން ކުރުމަށާއި، އާދައިގެ ރޮށި އަދި ޕާނުގެ ބަދަލުގައި އާޓާ ފުށުގެ ރޮށި އަދި ޕާން ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާ ދެއެވެ.

ކެއުމުގައި ނުހިމަނަންވީ އެއްޗެހި

ދަޅު އަދި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ތަފާތު ކާނާތަކަކީ ސިއްހަތަށް ގެއްލުން ލިބޭ ތަކެތި ކަމުގައި ކަމާ ބެހޭ މާހިރުން ހާމަކުރައްވައެވެ. މިފަދަ ތަކެތީގައި ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވިގެންވެއެވެ. މީގެތެރޭގައި އެކި ކަހަލަ ސޯސް، ޕްރޮސެސްޑް މީޓް (ސޮސެޖް، ލަންޗިއޮން މީޓް) ފަދަ ތަކެތި ހިމެނެއެވެ. އަދި މީގެ އިތުރުން ގިނަ އަދަދަކަށް ހަކުރު ހުންނަ ބުއިންތަކާއި، ތަފާތު ވައްތަރުގެ ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ލުއި އަދި ފޮނި ކާނާ ފަދަ ތަކެއްޗާ ވެސް ދުރުހެލި ވާންޖެހެއެވެ.

އެއްވެސް ކާނާއަކީ އޭގެ ސަބަބުން އިންސާނާގެ ސިއްހަތު ވަގުތުން ރަނގަޅުވާނޭ އެއްޗެއް ނޫނެވެ. އަދި އަމުދުން ވަކި ކާނާ އަކުން ސިއްހަތަށް ފައިދާ ކުރާތީ އެ އަބަދު ބޭނުންކުރުން މުހިއްމެއްވެސް ނޫނެވެ. މީގެ ބަދަލުގައި ރަނގަޅު ކާނާތައް ހިމެނޭ ބެލެންސްޑް ޑައިޓަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ގިނަ ގުނައެވެ.