ގަދަބާރުން އަތްދަށުލަައިފައި ވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އިޒްރޭލުން ހިންގާ ޣައިރުގާނޫނީ ގެދޮރު ޕްރޮގްރާމާ ގުޅިގެން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ ގާނޫނީ ލަފާ ހޯދަން އދ ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

އާންމު މަޖިލީހުގައި އެ ކަމަށް ފާސްކުރި ގަރާރަށް 87 ގައުމަކުން ވޯޓު ދިން އިރު 26 ގައުމަކުން ވަނީ ދެކޮޅު ހަދާފައެވެ. ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އިޒްރޭލު ހިމެނޭހެން އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ހިމެނެއެވެ. ފްރާންސް ހިމެނުނީ ވަކިކޮޅަކަށް ވޯޓު ނުދީ ތިބި 53 ގައުމުގެ ތެރޭގައެވެ.

ރަޝިއާ އާއި ޗައިނާއިން ވޯޓު ދިނީ ގަރާރާ އެއްކޮޅަށެވެ.

ދަ ހޭގްގައި ހުންނަ އައިސީޖޭ ނުވަތަ ދުނިޔޭގެ ކޯޓަކީ ގައުމުތަކުގެ އިމާއި ބިމާއި އަދި އެނޫން އެފަދަ ބޮޑެތި މައްސަލަތަކުގައި ފަހުބަސް ބުނާ ކޯޓެވެ. އެ ކޯޓުން ނިންމާ ނިންމުންތަކަކީ ގައުމުތަކުން އަމަލު ކުރަން ޖެހޭ ނިންމުންތަކެއް ނަމަވެސް، އެކަން ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަކަށް ލިބިގެނެއް ނުވެއެވެ.

ޔަހޫދީ އިޒްރޭލުގެ ހައްދުފަހަނައަޅާފައި ވާ ކަނާތުފިޔާގެ ސަރުކާރު ހުވާ ކުރިތާ އެއްދުވަސް ފަހުން އާންމު މަޖިލީހުގައި މި ގަރާރު ފާސްކުރި ނަމަވެސް މިއީ، ގައުމުތަކުން އަމަލު ކުރަން ލާޒިރު ގަރާރެއް ނޫނެވެ. ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގެ އިތުރުން ދުނިޔޭގެ އެތައް އެތައް މައްސަލައެއްގައި ހާހުން ހާހުން މިފަދަ ގަރާރުތައް އެ މަޖިލީހުން ފާސްކުރެއެވެ. އަމަލު ކުރަނީ ކުރާނެ ބަޔެކެވެ.

ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫގެ އާ ވެރިކަމުގައި ހިމެނޭ ކޯލިޝަން ޕާޓުނަރުންނަކީ، ފަލަސްތީނުގެ ބިންތަކުގައި ޣައިރުގާނޫނީ އަދި ގައިދާ ހިލާފަށް ގެދޮރު އަޅަން ތާއިދު ކުރާ އަދި މި ވެރިކަމުގައި އެންމެ އިސްކަމެއް ދީގެން ކުރާނީވެސް އެކަން ކަމުގައި ބުނެފައި ވާ ޕާޓީތަކެވެ.

މި މައްސަލައިގައި ފަލަސްތީނާއި އެ ދައުލަތަށް ތާއީދު ކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަ ނަމަވެސް އެ އަޑެއް އިޒްރޭލަކަށް ވެސް އަދި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކަކަށް ވެސް ނީވެއެވެ.

ޣައިރުގާނޫނީ މި ގެދޮރު ޕްރޮގްރާމާއި ބޮޑުފާރުގެ މައްސަލައިގައި 2004 ގައި ވެސް އައިސީޖޭއިން ނިންމުމެއް ނިންމިއެވެ. އެ ފަހަރު އެ ކޯޓުން ބުނީ، އިޒްރޭލުން ހިފި ހުޅަނގު އައްސޭރީގައި އިންވަކި ކުރުމުގެ ނަމުގައި ބޮޑު ފާރު ރޭނުން ގާނޫނާ ހިލާފު ކަމަށެވެ. ނަމަވެސް އެ ފާރު އިޒްރޭލުން ރާނާ ނިންމިއެވެ. އަދި ބުނީ، އިސްރާއީލުންގެ އަމިއްލަ ބިމުގައި އެމީހުންނަކީ ގަދަބާރުން ބިމަށް ވެރިވެގެން ތިބި ބައެއް ކަމަށް ދުނިޔޭގެ އެއްވެސް ބަޔަކަށް، އަދި ކޯޓަކަށްވެސް ނުނިންމޭނެ ކަމަށާއި އެހެން ކަމުން އައިސީޖޭގެ ނިންމުމަށްވެސް ބޯ ނުލަނބާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަމުން ހިފަމުން ގޮސް، ފަލަސްތީނުގެ މުއްސަނދި ތާރީހުތައް ހިމެނޭ ހުރިހާ ބިމެއްވެސް ވަނީ އަތްދަށުލާފައެވެ. އަދި ތަޅާ، އަނިޔާކޮށް އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ވެސް ވެއެވެ. މީގެ އިތުރުން ފަލަސްތީނުގެ ބިމުން ނެރެ ފަހާ 300،000 އަށް ވުރެ ގިނަ މީހުން ވަޒަނުން ބޭރުކޮށްލާފައި ވެސް ވެއެވެ.

ޔަހޫދީންގެ ނުބައި ނުލަފާކަމުގެ މައްޗަށް އިޒްރޭލުގެ ހުރިހާ ސަރުކާރެއް އުފެދިގެން އަންނަ އިރު، ނަތަންޔާހޫގެ މިހާރުގެ ސަރުކާރަކީ މިހާތަނަށް އުފެދުނު ހައްދުފަހަނައަޅާފައި ވާ އެންމެ ހަރުކަށި ސަރުކާރު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ސަރުކާރުގެ ކޯލިޝަން ބައިވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުން މަރާ ހުސްކުރުމަށްވެސް ގޮވާލާފައެވެ.