ކުނި ނެގުން، ވެމްކޯ އަތުން އަތުލައި ސިޓީ ކައުންސިލުން އެކަން ކުރަން ފެށުމާއެކު މާލޭގެ މަގުތަކަށް ކުނި ގިނަވެ ނުނެގި އާންމުންގެ ޝަކުވާ ބޮޑުވުމުން އިއްޔް ވެމްކޯއިން މަގުތައް ސާފު ކުރަން ފަށައި، މާލޭގެ މަގުމައްޗަށް އިތުރު ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެއެވެ.
ވެމްކޯއިން ބުނީ ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށާއި އާންމު ސިއްހަތަށް ނުރައްވާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން އެންވައިރަމަންޓް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ވެމްކޯއިން އިއްޔެ މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.
މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އާންމުންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމަށް ވެމްކޯއިން އެދިފައި ވާއިރު އެ ކުންފުނީގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ފަރާތަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެސް ވެމްކޯއިން ވަނީ އެދިފައެވެ.
ވެމްކޯއިން ވަނީ ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކުން ވެމްކޯގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ވޭމްކޯ އަތުން ކުނި ނެގުމުގެ މަސައްކަތް އަތުލައި ސިޓީ ކައުންސިލުން ކުންޏާ ހަވާލު ވެ މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނަގަން 148 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ. ކުނި ނެގުމުގެ މަސައްކަތް އިއްޔެ ނޫން އިހަށް ދުވަހުގެ ރޭ ސިޓީ ކައުންސިލުން ފެށީ ފުލް ޓީމާ އެކު ނޫން ކަމަށާއި އެރޭ މަސައްކަތް ކޮށްފައިވަނީ މާލޭގައި 80 މުވައްޒަފުން އަދި ވިލިމާލެ އަށް 28 މުވައްޒަފުން ކަމަށެވެ.
މުވައްޒަފުން އެއްކޮށް ހަމަވާން އަދި 10 ވަރަކަށް ދުވަސް ނަގާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލެ އަށް އެކަނި ވެސް 120 މުވައްޒަފުން ހާއްސަ ކުރަން ކަމަށެވެ. އަދި 10 ލޮރީ ބޭނުން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން މަސައްކަތް ކުރަން ހަމަ ޖެހިފައި ވަނީ މާލޭން 16 ޒޯނަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ޒޯނެއްވެސް ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ރޭގައި މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސް ގޭބިސީތަކުގައި އުފެދޭ ކުންޏަކީ ކޮންމެ ދުވަހަކުވެސް އުކަން ޖެހޭ އެއްޗަކަށް ވާއިރު، އެންމެ ދުވަހެއްވެސް މެދުކެނޑިއްޖެ ނަމަ ކުނިވާ ޒާތުގެ ކުނިން މާލޭގެ އެކިއެކި ކަންމަތި ފުރެއެވެ.