ޗައިނާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއަންޓު އޮމިކްރޮން ބީއެފް7 މިހާރު މިވަނީ އަވަށްޓެރި އިންޑިއާއިން ވެސް ފެނިފައެވެ. ބަލީގެ ސަބަބުން ޗައިނާގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާއިރު ކުރިއަށް އޮތް މަސްތަކުގައި ޗައިނާއިން މިބަލީގައި ގިނަ އަދަދަކަށް މީހުން މަރުވާނޭ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.

އިންޑިއާގެ ދެ ސްޓޭޓު ކަމަށްވާ ގުޖްރާތު އަދި އޮޑިސާއިން ވެސް ވަނީ އާ ވޭރިއަންޓުގެ 4 ކޭސް ރިޕޯޓު ކޮށްފައެވެ. މީގެ ސަބަބުން އިންޑިއާ އިން ވަނީ ރައްކާތެރި ކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވެސް އަޅަން ފަށާފައެވެ.

ޕީސީއާރް ޓެސްޓުން ވެސް ގިނަފަހަރަށް ޔަގީން ނުވާ ކޮވިޑުގެ މި އާ ވޭރިއަންޓް ފެނިފައިވާ އިތުރު ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ބެލްޖިއަމް، ފްރާންސް، ޑެންމާކު، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތް ހިމެނެއެވެ.

ހަލުވިކަމާ އެކީ ފެތުރޭ މި ވޭރިއަންޓުގެ ނުރައްކާ އެންމެ ބޮޑީ ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވެފައިވާ މީހުންނާއި، މާބަނޑު އަންހެނުން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނެވެ.

ކޮވިޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް ވެސް އާ ވޭރިއަންޓުގެ ނުރައްކާ އޮތް އިރު، އެމީހުންނަށް ބަލީގެ އަލާމާތްތައް ކުޑަވާނޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އޮމިކްރޮން ބީއެފް7 ގެ އަލާމާތްތައް ވެސް ކޮވިޑުގެ އާންމު އަލާމާތްތަކާ ވަރަށް އެއްގޮތެވެ. މީގެތެރޭގައި ހުންއައުމާއި، ކަރުގައި ރިއްސުން، ނޭފަތުން ފެންފޭބުން، ވަރުދެރަވުން، ބޮލުގައި ރިއްސުން، އަދި މޭނުބައިކުރުމާއި ބޭރަށް ހިންގުން ހިމެނެއެވެ.

ކޮވިޑު ޖެހޭ ގިނަ މީހުން އާންމުކޮށް ވަރަށް ގިނަ ދުވަސް ވަންދެން ކެއްސާއިރު، މިއީ އާންމު ރޯގާއެއް ގައިވެސް ވެދާނެ ގޮތެއް ކަމަށް ބައެއް ޑޮކްޓަރުން ބުނެއެވެ.

ކެއްސުމުން ބުނެދޭ އެއްޗެއް ދެނެގަތުން

ބައެއް މީހުންނަށް ކޮވިޑުގެ ސަބަބުން މާބޮޑުވަރު ނުވިޔަސް އަނެއްބައި މީހުންނަށް އެއީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމުގައި ޑޮކްޓަރުން ބުނެއެވެ. ކޮވިޑުގައި އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާ އިރު ކޮންމެ މީހަކުވެސް ޝައްކުވާފަދަ އަލާމާތެއް ފެނުމުން ތިމާ އަދި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކޮވިޑު ޕީސީއާރު ޓެސްޓު ވީއެންމެ އަވަހަކަށް ހެދުމަށް މުހިއްމެވެ.

އާންމު ގޮތެއްގައި ކޮވިޑު ޖެހުމުން ކެއްސާނީ ހިކި ކެއްސުމެއް ކަމުގައާއި، ފުރަތަމަ އެހާ ބޮޑުވަރު ނުވިޔަސް ކޮވިޑުގެ ކެއްސުން ހަފްތާ ނޫނީ ދެހަފްތާ ވާއިރު ގޯސްވާ ކަމަށާއި، އަދި މީގެ ސަބަބުން މޭގަނޑު ފިތޭ ގޮތްވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންތައްތައް ދިމާވާކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ކެއްސުމާއި އެކު ކަރުގައި ރިއްސުމާއި، ނޭފަތުން ފެން ފޭބުމާއި، ހުންއައުން އަދި ނޭވާ ކުރުވުން މިއީ ކޮވިޑުގެ ކެއްސުން ކަމުގައި ނިންމިދާނޭ ސަބަބުތައް ވެސް މެއެވެ.

އާންމުކޮށް ޖެހޭ ފުލޫ އިންފެކްޝަނެއްގެ ސަބަބުން ކެއްސާއިރު، މީހާ އެހާ ވަރުބަލި ނުވިޔަސް ކޮވިޑުގެ ސަބަބުން ކެއްސާއިރު މީހާ އެއްކޮށް ވަރުބަލި ކޮށްލާކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ ކޮވިޑު ވައިރަސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލުމެވެ.