ޕާކިސްތާނަށް ނިސްބަތްވާ އަލް ސޮހޭލީ ނަމަކަށް ކިޔާ ބޯޓެއްގައި ހަތިޔާރާއި ގޮވާތަކެތީގެ އިތުރުން 40 ކިލޯގެ މަސްތުވަތާ ތަކެތި އެތެރެ ކުރަން އުޅެނިކޮށް އިންޑިއާ ކޯސްޓްގާޑުން އެ ބޯޓު އަތުލައިފިއެވެ.

އިންޑިއާގެ ގުޖުރާތާ ދިމާއިން އިންޑިއާގެ ކަނޑަށް ވަން ބޯޓާ މެދު ޝައްކުވެ ފާރަލަމުން ގޮސް ބޯޓު ހުއްޓުވާ ބެލި އިތު އޭގައި ހަތިޔާރާއި 300 ކްރޯޑް ރުޕީސް ނުވަތަ 36 މިލިއަން ޑޮލަރުގެ ޑްރަގްސް ހުރި ކަމަށް އިންޑިއާ ކޯސްޓްގާޑުން ބުނެއެވެ.

މި ބޯޓު ވަންނަން މަސައްކަތް ކުރީ ކޮން ގައުމަކަށް ކަމެއް އަދި ބޯޓުގައި ތިބީ ކޮން ގައުމުތަކަށް ނިސްބަތްވާ މީހުންނެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ކޯސްޓްގާޑުން ބުނީ، ބޯޓާ މެދު ޝައްކު ވެގެން ހުއްޓަން އެންގުމުން ނުހުއްޓާ ގޮތްގޮތަށް ދުއްވި ކަމަށާއި ބޯޓު ހުއްޓުވީ އިންޒާރުގެ ބަޑި ޖަހައިގެން ކަމަށެވެ. އެއާއެކު ބޯޓު އަތުލައި އޭގައި ތިބި މީހުން ހައްޔަރު ކޮށް ބޯޓާއެކު ވަނީ ގުޖުރާތުގެ އައްސޭރިފަށުގެ ރަށެއް ކަމަށް ވާ އޮކާ އަށް ވައްދާފައެވެ.

މި މައްސަލަ އިންޑިއާގެ ތަހުގީގީ އިދާރާތަކުން ބަލަން ފަށާފައި ވާ އިރު، އިންޑިއާ ކޯސްޓްގާޑާ ހަވާލާދީ އިންޑިއާޓްޑޭގައި ބުނެފައި ވަނީ، މިއީ ގުޖުރާތުގެ އެންޓި ޓެރަރިޒަމް ސްކޮޑް އާ ގުޅިގެން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ކޯސްޓްގާޑުން ހިންގި 7 ވަނަ އޮަޕަރޭޝަން ކަމަށާއި މިހާތަނަށް 346 ކިލޯގެ ހެރޮއިން އާއި ޕާކިސްތާނަށް ނިސްބަތްވާ 44 މީހަކާއި އީރާނަށް ނިސްބަތްވާ 7 މީހަކު އަތުލާފައި ވާ ކަމަށެވެ.

އިންޑިއާ ކަނޑަކީ، ރާއްޖެއަށްވެސް މަސްތުވާތަކެތި އެތެރެ ކުރުމުގައި ޑްރަގް ނެޓްވޯކް ތަކުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ކަނޑެކެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެކި ބައްރުތަކަށް ޑަރްގް ސަޕްލައި ކުރުމުގައި ބޭނުން ކުރާ މަގެކެވެ. ރާއްޖޭގެ ފުލުހުންނާއި ސަލާމަތީ އިދާރާތައް ގުޅިގެން ހިންގާ ޑްރަގްގެ ހާއްސަ އޮޕަރޭޝަން ތަކުގައި ރަށްރަށާއި ފަޅުފަޅުގައި ފޮރުވާފައި ހުންނަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލާފައި ވެއެވެ. އަދި ހައްޔަރު ކުރާ މީހުންގެ ތެރޭގައި އީރާނާއި ޕާކިސްތާނަށް ނިސްބަތްވާ ބޯޓުފަހަރުގައި ރާއްޖެއަށް ދަތުރު ކުރާ މީހުންގެ އިތުރުން، އެފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާ ދިވެހިންވެސް އަތުލާފައި ވެއެވެ.