މި ދުވަސްވަރު އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ އެކަމަށް ސަމާލުވެ އަމިއްލަ ރައްކަލަށް ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ސްކޫލް ޗުއްޓީ ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރުކުރުން އިތުރު ވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން އެއްވެ އުޅުން އިތުރު ވެގެންދާނެ ކަމަށާއި މިވަގުތު އަވައްޓެރި ގައުމުތަކުގައި އިތުރުވާކަމަށް ފާހަގަ ކުރެވިފައި ނެތްކަމުގައި ވިޔަސް ދުނިޔޭގެ ބައެއް ހިސާބު ތަކުގައި ކޮވިޑް-19 އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އަދި ލޮލު ރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތުމާއެކު ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ ތިމާގެ މުލައްދަނޑިން އަތާއި އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. އެފަދަ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.