ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

ޔާމީންގެ މައްޗަށް ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އެ މައްސަލައިގައި ރިޝްވަތު ދިން ކަމަށް ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވާ ކަމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ޔޫސުފް ނައީމްގެ ބޭންކް އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގެން އެބަ އޮތެވެ. ހުކުމުގައި ބުނީ، ޔާމީން އެ ދުވަސްވަރު ހުންނެވީ ވެރިކަމުގައި ކަމުން، އެމަނިކުފާނުގެ އެކައުންޓަށް އެވަރުގެ އަދަދަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ރައީސްކަމުގައި ހުންނަވާ ބޭފުޅަކު އެއްވެސް މާލީ މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުނިން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމްގައިވެއެވެ.

ހަމަ އެއާއެކު، ސިޔާސީ ކަމަކަށް ލިބުނު ފައިސާ ކަމުގައި ބެލި ނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކަށް ބަލާއިރު އެ ފައިސާ ފެންނަން ނެތް ކަމަށާއި، ސިޔާސީ ކަންކަމަށް ލިބޭ ފައިސާ އަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާތަކެއް ކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައިވެއެވެ.

މަނީ ލޯންޑަރިންގެ ދައުވާ އާ ގުޅިގެން ކުރި ހުކުމްގައި ބުނީ، ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާ އާ އެކު އެމަނިކުފާނު އެ ފައިސާ އިންވެސްޓުކުރައްވާފައިވާ ކަން ސާބިތުވާ ކަމަށާއި އެ މުއާމަލާތްތަކުގެ ފުރިހަމަ ހެކި އެބަހުރި ކަމަށެވެ. އަދި އެ ފައިސާ އަކީ ކުށް ކޮށްގެން ޔާމީން ހޯދާފައިވާ ފައިސާކަން ރަނގަޅަށް ވިސްނާ އިންސާނެއްގެ ވިސްނުމުން ބަލާއިރު އެނގޭނެ ކަމަށް ވެސް ހުކުމްގައިިވެއެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހުކުމްކޮށްފައިވާއިރު، މިއަދު މެންދުރު 2 ޖަހާއިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުން އޮންނާނެއެވެ.