ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެލޭޝިއާ އެމްބަސީގައި އިސް މަގާމެއް ފުރުއްވި އެ ޕާޓީގެ މެންބަރު އައްބާސް އާދިލް ރިޒާގެ ޓްވިޓާއިން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދޭ ގޮތަށް ކޮށްފައި ވާ ޓްވީޓްގެ މައްސަލައާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް އެތަން ރޯކޮށްލާނެ ކަމަށް ބުނެ ޓެރަރިޒަމަށް ހިތްވަރުދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ އިރު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަމާބެހޭ ފަރާތްތަކުން ވަނީ އަޅާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި ދެގައުމުގެ ހާރިޖީ ގުޅުމަށް ބުރޫއަރާ ސަލާމަތަށް ނުރައްކާ ވާ ގޮތަށް ބިރުދެއްކުމުގެ ނިޔަތުގައި ފާޅުކުރާ ހިޔާލުތައް ބަލައިނުގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އައްބާސް އާދިލް ރިޒާގެ އެކައުންޓުން ކުރި ޓްވީޓެއްގައި އިންޑިއާ އައުޓް ހޭޝްޓެގާއެކު ބުނެފައި ވަނީ "ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ" މިހެންނެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓެރަރިޒަމްގެ އަމަލުތަކާ މެދު ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތާ އެއްގޮތް ވާ ގޮތުގެ މަތިން އެކަން ބައްލަވާނެ ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް ގައުމު ކަމަށެވެ. އަދި ދިވެހިންގެ ތަރައްގީއަށް ހުރަސްއަޅަން ކުރާ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށްވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.
އައްބާސްގެ ޓްވީޓާ ގުޅިގެން އެމްއާރްއެމް އާއި އެމްޓީޑީ އާއި ޖެޕީ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީން ވެސް ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި އެފަރާތްތަކުން ވަނީ އެކަމަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.