5000 އަށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަންރަން އިއްޔެ ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ.

މި އަހަރުގެ ފަން ރަން އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިއްޔެ 5 ކިލޯ މީޓަރަށް ދުވެފައިވަނީ ސެންޓްރަލް ޕާކުން ފެށިގެންނެވެ.

ކަލާ ރަންގެ ނަމުގައި މީގެ ކުރިން އުރީދޫއިން މި ހަރަކާތް ކުރިއަށްގެންދާއިރު ކޮވިޑްގެ އާލަމީ ވަބާއަށްފަހު އެ ހަރަކާތް މަޑު ޖެހިފައެވެ. އަދި ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި މި ހަރަކާތަށް ވަނީ އަޕްގްރޭޑްކޮށްފައެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކަމަށާއި ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ވަނީ ނިންމާފައެވެ.