ވިހި އަހަރަށް ފަހު އދ.ގެ ރެފިއުޖީ އެޖެންސީ، ޔޫއެންއެޗުސީއާރުގެ އެމްބެސެޑަރު ކަމުން ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ ވަކިވެއްޖެއެވެ.

އޮސްކާ އެވޯޑު ހާސިލް ކޮށްފައިވާ ކުޅަދާނަ ބަތަލާ އެ އެޖެންސީ ގެ އެމްބެސެޑަރު ކަމުން އިސްތިއުފާ ދިން ނަމަވެސް އިސްތިއުފާ ދިން ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބަތަލާ އެންޖެލީނާ ބުނީ އދ. އިން ކުރާ ގިނަ ކަންތައްތައް އޭނާ ބަލައިގަންނަ ކަމަށާއި އެމީހުން އާންމުންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތް ކޮށްދޭ ކަމަށެވެ. އެ އެޖެންސީ އާ ވަކި ވަނީ އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަމަށާއި ދިރިއުޅުމުގައި ދެން ކުރިއަށް ދާނީ ހަމަނުޖެހުންތަކުގެ އަސަރުކުރާ މީހުންނަށް ސީދާކޮށް، އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާތަކާ އެކު ކަމަށެވެ. އޭނާ މިހެން ބުނި ނަމަވެސް ދެން އޭނާ މަސައްކަތްކުރާނެ ޖަމިއްޔާ އެއް ހާމަކޮށްފައެއް ނުވެއެވެ.

އެންޖެލީނާ، ވަކިވުމާއެކު ޔޫއެންއެޗުސީއާރުން ބުނީ އެންޖެލީނާ އެކުންފުންޏަށް ކޮށްދިން ހިދުމަތްތައް ގުނާ އަދަދު ނުކުރެވޭ ކަމަށާއި އޭނާ ކޮށްދިން މަސައްކަތްތައް ބަލައިގަންނަކަމަށެވެ. އަދި އެންޖެލީނާ އަކީ އެ އެޖެންސީ ގެ އެންމެ ނުފޫޒުގަދަ އެއް މެންބަރު ކަމަށްވެސް ވަނީ ބުނެފައެވެ. އެންޖެލީނާ ކޮށްދިނީ ބުރަ މަސައްކަތްތަކެއް ކަމަށާއި އޭނާ އަކީ ތެދުވެރިކަމާއެކު ކަންކަން ކޮށްދޭ ބަތަލެއް ކަމަށް ވެސް އެޖެންސީ އިން ވަނީ ބުނެފައެވެ.

2001 އަހަރުން ފެށިގެން އެންޖެލީނާ އައީ ޔޫއެންއެޗުސީއާރުގައި މަސައްކަތް ކުރަމުންނެވެ. އަދި 2012 ވަނަ އަހަރު އެ އެޖެންސީގެ ހާއްސަ އެމްބެސެޑަރަކަށް އޭނާ ވަނީ ވެފައެވެ.